ދިރާސީ އައު އަހަރުގެ ތަހުނިޔާ

cp greetings

މިއަދު މި ފެށުނު ދިރާސީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ލޮބުވެތި ދަރިވަރުންނަށާއި ޚިދުމަތްތެރި މުދައްރިސުންނަށާއި ސްކޫލު މަދަރުސާތަކާއި ތަޢުލީމީ އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، ޕްރިޒަން އޮފިސަރުންނާއި ޕްރިޒަން އޮފިސަރުންގެ ޢާއިލާތަކާއި މުވައްޒަފުންގެ ނަމުގައި ފޮނުވަމެވެ.

ލޮބުވެތި ކިޔަވާ ކުދިންނެވެ! މިފެށުނު އަހަރު ދަރިވަރުން މަސައްކަތް ކުރަންވީ މާޒީގައި ހެދިފައިވާ ގޯސްތައް ރަނގަޅުކޮށް ހިތްވަރާއެކު ކިޔެވުމަށެވެ. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ވުމަށް ޢަޒުމް ކަނޑައަޅާށެވެ. ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރަންވީ ކުށްކުރުމުން ދުރުވެހުރުމަށެވެ. ކުށްނުކުރާ މީހަކަށް ވުމަށެވެ. އެފަދަ ނޭދެވޭ ޢަމަލުތަކުން އެއްކިބާވެ، މުޖުތަމަޢުގެ ހަމަޖެހުމާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށެވެ.

ތަޢުލީމީ އައު އަހަރެއް މިއަދު ފެށޭއިރު، 18 އަހަރު ނުފުރޭ ކުދިން ޖަލު ބަންދުގައި ތިބުމަކީ އެކަމާ ނުހަނު ހިތާމަކުރާ ކަމެކެވެ. ތިޔަ ކުދިންގެ ކިބައިން އެދެނީ ކޮންމެ ކުއްޖަކުވެސް މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހައިގެން މޮޅުކުއްޖަކަށްވުމަށް މަސައްކަތް ކުރުމަށެވެ. ބޭކާރުގޮތުގައި ގިނަވަގުތު ބޭރުގައި ނޫޅުމަށެވެ. ދީނީ ކަންތައްތައް ފަރުވާތެރިކަމާއެކު އަދާކުރުމަށެވެ.

ގޮންޖެހުންތައްގިނަ މިޒަމާނުގައި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިން ބޮޑުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަނީ ޓީޗަރުންނާއި މައިންބަފައިންނެވެ. ތިޔަ ބޭފުޅުންގެ ދަރިންނާއި ދަރިވަރުން އިސްލާމީ ރިވެތި އަޚުލާޤްގެ ތެރޭގައި ތަރުބިއްޔަތު ކުރުވުމަކީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާ ހަރުދަނާ ބިންގަލެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

މިއަދުގެ މުނާސަބަތުގައި ޚިދުމަތްތެރި މުދައްރިސުންނާއި ސްކޫލުތައް ހިންގަވާ އެންމެހާ ފަރާތްތަކުގެ ކިބައިން އެދެނީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށެވެ. މިއަދުގެ ޅަ ޖީލު ރައްކާތެރިކަމާއެކު ތަރުބިއްޔަތު ކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެކުދިންގެ މުސްތަޤުބަލް އުޖާލާ ކޮށްދިނުމުގެ ބޭނުމުގައެވެ.

މިއަދު ފެށިގެންމިދިޔަ ދިރާސީ އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ފާގަތިކަމާއި ކާމިޔާބީ ޙާޞިލްވެގެންދާނެ އަހަރެއްކަމުގައި ލެއްވުންއެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *