އައްސޭރި ޖަލުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އައްސޭރި ޖަލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-

އައްސޭރި ޖަލުގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހަވީރު އެ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި އެމްސީއެސްގެ ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި އައްސޭރި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ކުރުވާ ޖަލެކެވެ. މިހާރުވެސް މިޖަލުގައި ގިނައަދަދެއްގެ ގައިދީން ތިބިއިރު، އެގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގެ ގޮތުން ތަފާތުގިނަ މަސައްކަތްތަކެއް ގައިދީންލައްވާ ކުރުވައެވެ. މިގޮތުން ދަނޑުވެރި ކަމުގެ މަސައްކަތާއި، އަތްތެރި މަސައްކަތްތަކާއި، ކުކުޅާއި ބަކަރި ގެންގުޅުމުގެ އިތުރުން ހިންމަފުށީގައި ހުންނަ ބައެއް ކުންފުނި ތަކުގައިވެސް ގައިދީންލައްވާ މަސައްކަތް ކުރުވައެވެ.