އާރު-37 ގެ ފުރުސަތުގެ ދަށުން އަދަބުލުއިކޮށްދެއްވި ޤައިދީންގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފި.

އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ތެރެއިން އަދަބު ލުއިކޮށްދެއްވާފައިވާ ޤައިދީންގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ގައިދީންނަށް އިސްލާހީ ހާއްސަ ފުރުސަތު ދޭން ނިންމާފައިވަނީ ކަނޑައަޅާފައިވާ ވަކި ކަންތައްތަކަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އެކު އެއްބަސްވެ އިގުރާރުކޮށްފައެވެ. އެގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުމާއި، ދެ މަސް ދުވަހުގެ މުއްދަތަށް ރަށު ބަންދުގައި ހުރުމާއި، ފުރަތަމަ ތިން މަސް ހަމަވުމުން އަހަރުތަކެއް ވަންދެން މޮނިޓަރިން މަރުހަލާގައި މުޖުތަމައުގައި ހޭދަކުރުން ހިމެނެ އެވެ.

އެމްސީއެސްއިން ބުނީ އާރު-37 ގެ ފުރުސަތުގެ ދަށުން ދޫކުރި ޤައިދީން ގޭބަންދު މަރުހަލާ ފުރިހަމަކޮށްފައިވާ ކަމަށާއި އެ މަރުހަލާ ނިމުނުއިރު ފުރުސަތުން ފެއިލްވެގެން 10 މީހުން އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށެވެ.

އާރު-37 ގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން، ކުދިކުދި ކުށްތަކުގައި އަދަބު ލިބެމުންދާ ފަރާތްތަކަށް އިސްލާހުވުމުގެ ފުރުސަތެއް ދިނުމުގެ ގޮތުން ދީފައިވާ ފުރުސަތެކެވެ.