ރިހެބިލިޓޭޝަން ފްރޭމްވަރކް ގެ ފޭސް 1 އާއި 2 ފުރިހަމަކުރި އަންހެން ގައިދީންނަށް ލިއުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ގައިދީންނަށް ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 އާއި 2 ފުރިހަމަކުރި އަންހެން ގައިދީންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ މެންދުރު ފަހު މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް ޑރ. އާއިޝަތު ރަމީލާއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާފުށި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ ސަލްމާން ރަޝީދު އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސްޕީއޯ އަޙްމަދު ޝާހިދުގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި މާފުށީ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

4

މި ރަސްމިއްޔާތުގައި ފޭސް 1 އާއި 2 ފުރިހަމަކުރި ގައިދީންނަށް ހަނދާނީ ލިޔުން ޙަވާލުކުރުމުގެ އިތުރުން، މި ފޭސްތައް ހިންގަން އެހީތެރިވި ފެސިލިޓޭޓަރުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފުރަތަމަފޭސް ކުރިއަށް ގެންގޮސްފައިވަނީ 05 މެއި 2017 އިން ފެށިގެން 05 އޯގަސްޓް 2017 އާއި ހަމައަށެވެ. އަދި ދެވަނަފޭސް ކުރިއަށް ގެންގޮސްފައިވަނީ 25 އޯގަސްޓް 2017  އިން ފެށިގެން 25 ނޮވެމްބަރ 2017 އާއި ހަމައަށެވެ. ފޭސް 1 37 ގައިދީން ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން 19 ގައިދީން އެކި ގޮތްގޮތުން ޖަލުން ދޫކޮއްލުމުން، ފޭސް 2 ފުރިހަމަކޮށްފައިވަނީ ޖުމްލަ 18 ގައިދީންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.