‏ގައިދީންނަށް ހިންގާ ކޮމްޕިއުޓަރ ކޯހުގެ 3 ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން “ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯހުގެ ތިން ވަނަ ބެޗް މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

ފަސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް  ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ. މިކޯހަކީ ކޮންޕިއުޓަރ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހަކަށް ވާއިރު، މިކޯހުގެ ބޭނުމަކީ ޤައިދީންނައް ކޮންޕިއުޓަރުގެ އަސާސްތައް ދަސްކޮށްދިނުމާއި ސެޓްފިކެޓް 2 އިން ކޮންޕިއުޓަރ އެޕްލިކޭޝަން ކޯހަށް ދިއުމަށް ފުރުސަތު ހޯދައިދިނުމެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން އެކްރެޑިޓް ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެމްސީއެސް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން އެމީހުން ހޭލުންތެރިވެ، ޖަލުގައި ތިބޭއިރު ވަގުތު ބޭކާރު ކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. އަދި އެމީހުންގެ ވިސްނުމަށާއި އަޚްލާޤަށް ހެޔޮބަދަލުތަކެއް އައިސް ކިޔެވުމަށް ޝައުގުވެރިކަން އިތުރުވެއެވެ.