ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތް: އެމްސީއެސް އިން ތަފާތު ބޮޑުކޮށް ޑީއެންއާރު ބަލިކޮށްފި

ޕްރެޒިޑެންޓްސް ކަޕް ރިކްރިއޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ބައްދަލުކުރިމެޗް 0-18 ގެ ނަތީޖާއަކުން އެމްސީއެސް ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗަށްފަހު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު ޝިހާންވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާ މެޗުގައި ދެއްކި ކުޅުމަށް ތައުރީފު ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެމްސީއެސް އަށް ކާމިޔާބުކުރެވުނީ ފަސްލަނޑެވެ. ފާހުހާފުގައި 13 ލަނޑު ޖަހާފައިވެއެވެ.

މިއަދުގެ މެޗުގައި އެމްސީއެސް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެން އަލީ ފަސް ލަނޑު، ހުސެން ނާފިޒް ހަތަރު ލަނޑު، އިބްރާހިމް ހަލީމް ތިން ލަނޑު، ޖައިލަމް ޖަމީލު ދެލަނޑު، އަބްދުﷲ ޖަމީލު ދެލަނޑު، މޫސާ ހަސަންފުޅު އެއްލަނޑު އަދި އާދަމް ހުސައިން މަނިކު އެއްލަނޑެވެ.

މި މުބާރާތުގައި ފިރިހެން ބައިގަ 38 ޓީމް އަދި އަންހެން ބައިގަ 7 ޓީމް ވާދަކުރެއެވެ. ފިރިހެންބައި ވަނީ އަށް ގުރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެވަނަ ބުރުގައި 16 ޓީމް ވާދަކުރާނެއެވެ. އަދި ދެވަނަ ބުރުން ފެށިގެން ފިރިހެންބައި ކުރިއަށްދާނީ ނޮކްއައުޓް ސިސްޓަމަށެވެ.

ދެން އެމްސީއެސް ބައްދަލުކުރާނީ އަންނަ ހޯމަދުވަހުގެރޭ 20:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެވެ.