ޕީއާރުސީ ފުޓްބޯޅަ މުބާރާތް 2017: ޗެމްޕިއަންކަން މާފުށީ ޕްރިޒަން ހޯދައިފި

ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ޕްރިޒަން ހޯދައިފިއެވެ.

އިއްޔެ ހަވީރު ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި މާފުށީ ޕްރިޒަން ޗެމްޕިއަންކަން ހޯދީ އީއެސްޖީއާއި ބައްދަލުކޮށް 2-0 ލަނޑުންނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ޝަރަފްވެރިކޮށްދެއްވި މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަނަމަވެސް ގޯލް ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް ދެވަނަ ހާފުގައި ދެޓީމުގެ ކުޅުންވެސް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އީއެސްޖީ ޓީމުގެ ސާމިން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ.

މާފުށީ ޕްރިޒަން ފުރަތަމަ ލަނޑު ޖެހީ ފަހުހާފުގެ ހަތްވަނަ މިނިޓްގައި އެޓީމުގެ ހުސައިން މުހައްމަދެވެ. އަދި ދެވަނަ ލަނޑު ފަހުހާފުގެ 18 ވަނަ މިނެޓުގައި ޖެހީ މާފުށީ ޕްރިޒަން ޓީމުގެ ޖައިލަމް ޖަމީލެވެ.

މުބާރާތް ނިމުމުން ލީގު ޗެމްޕިއަންއަށް ޝީލްޑާއި، ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.