ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ފުރަތަމަ ބުރުގެ ފަހުމެޗް އެއްވަރު

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ފަހުމެޗްގައި އީއެސްޖީ އާއި ޓީމް އައްސޭރި ބައްދަލުކުރިމެޗް 2-2 އިން އެއްވަރުވެއްޖެއެވެ.

މި މެޗްގައި ޓީމް އައްސޭރިއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ނިޝާން އަހުމަދު އާއި ހުސައިން ނަދީމް އެވެ. އީއެސްޖީ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ އަންވަރު މޫސާ އާއި އަމްޖަދު އަލީ އެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައްސޭރީގެ ހުސައިން ނަދީމް އެވެ.

މި މެޗާއެކު ދެވަނަ ބުރުގެ ޓީމްތައް ވަނީ ކަށަވަރު ވެފައެވެ. 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މާފުށީ ޕްރިޒަން އެވެ. 7 ޕޮއިންޓާއެކު ދެވަނައިގައި އީއެސްޖީ އޮތްއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ޓީމް އައްސޭރިއެވެ. އަދި ތިން ޕޮއިންޓާއެކު ދެވަނަ ބުރުގެ އެންމެ ފަހުޖާގަ ލިބިފައިވަނީ ޓީމް އެޗްކިއައަށެވެ.

ދެވަނަ ބުރުގެ ކުޅުން ފެށޭނީ ސެޕްޓެމްބަރު 26 ވާ އަންގާރަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާފުށި ޕްރިޒަން އާއި އީއެސްޖީ އެވެ.

މި މުބާރާތަކީ އެމް.ސީ.އެސްގެ އޮފިސަރުންނާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި، މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި، އެމްސީއެސް ގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް، އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި، މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމް.ސީ.އެސް ގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.