ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017: ހުރިހާ މެޗަކުން މޮޅުވެ ލީގު ޗެމްޕިއަންކަން މާފުށި ޕްރިޒަން ކަށަވަރުކޮށްފި

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ އަށްވަނަ މެޗުގައި މިއަދު ހަވީރު ޓީމް އައްސޭރިއާއި ވާދަކޮށް 4-2 އިން މާފުށި ޕްރިޒަން މޮޅުވެއްޖެއެވެ.

މިއަދުގެ މެޗުގައި މާފުށި ޕްރިޒަން އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖައިލަމް ޖަމީލާއި އަހުމަދު ނައުފަލްގެ އިތުރުން އަބްދުﷲ މުހައްމަދު އެވެ. ޖައިލަމް ޖަމީލު ވަނީ މިމެޗްގައި ދެލަނޑު ކާމިޔާބުކޮށްދީފައެވެ. ޓީމް އައްސޭރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނިޝާން އަހުމަދު އާއި އަލީ ޝާޖިދު އެވެ.

މިއަދު ހަވީރު ކުޅުނު މެޗާއެކު ފުރަތަމަބުރުގެ ހުރިހާ މެޗަކުން މޮޅުވެ މާފުށި ޕްރިޒަން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމުގެ އަހުމަދު ނައުފަލް އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ ޓީމް އެޗްކިއު އާއި މާލޭ ޕްރިޒަން އެވެ.

މި މުބާރާތަކީ އެމް.ސީ.އެސްގެ އޮފިސަރުންނާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި، މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި، އެމްސީއެސް ގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް، އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި، މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމް.ސީ.އެސް ގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.