ހިޖުރީ އައު އަހަރުގެ ތަހުނިޔާ

الحمد لله ربِّ العالمين. والصَّلات والسَّلام على خاتم الأنبياء والمرسلين. وعلى آله وصحبه اجمعين.

ހިޖުރީ އައު އަހަރުގެ އިޚްލާޞްތެރި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށާ އަދި ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ހުރިހާ ސިވިލް މުވައްޒަފުންނާއި ޢާއިލާތަކަށް އަރިސްކުރަމެވެ.

ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު އަޅުގަނޑުމެން ހަނދާނަށް ގެންނަންވީ، މާތް ނަބިއްޔާ އިސްލާމީ ޚިލާފަތުގެ ބިންގާ އަޅުއްވައި، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ފެއްޓެވި ހަރުދަނާ މަސައްކަތްޕުޅެވެ. މުސްލިމުން ބާރުވެރި ކުރުވައި، ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް ނައްތާލައްވައި އަޚުކުރެއްވުމަށް ދެއްވި އިސްކަމެވެ. އަވަށްޓެރިންނަށް ކަމޭ ހިއްތެވުމާއި ހެޔޮ ޢަމަލުތަކަށް ގޮވައިލެއްވުމުގައި ދެމިހުންނެވި ހުންނެވުމެވެ.

ނަމަވެސް ހިތާމައަކީ މިހާރު އިސްލާމީ ދުނިޔެއިން އެދަރަޖަތައް ނެތިގެން ގޮސްފައިވާކަމެވެ. އަދި މުސްލިމުން މަރަމުންދާއިރު ދުނިޔެ ހިމޭނުން އޮންނަކަމެވެ.

އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ މިޔަންމާގެ މުސްލިމު އަޚުންނާއި އުޚުތުން ރައްކާތެރި ކުރައްވާ އެއުރެންނަށް ނަސްރު ދެއްވުމުވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަސްރާ ކާމިޔާބު މިންވަރު ކުރެއްވުމެވެ.

އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި ކީރިތި ﷲ ގެ ބަރަކާތާ ހެޔޮ ރަޙްމަތް ލައްވައި ދިވެހިންނަށް ލިބިފައިވާ އިސްލާމީ ވަހުދަތުގައި ފައިތިލަ ސާބިތު ކުރައްވައި ރައްކާތެރި ކަމާ އަމާން ކަމުގައި އަޅަމެން އެންމެން ލަހައްޓަވާށިއެވެ. އާމީން.

01 މުޙައްރަމް 1439

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން