ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް: ދެވަނަ މެޗް ކާމިޔާބުކުރީ މާފުށީ ޕްރިޒަން

މާފުށީ ޕްރިޒަން އާއި ޓީމް އެޗްކިއު ބައްދަލުކުރި މެޗްގެ ތެރެއިން -- ފޮޓޯ- ޕްރިޒަން ކޯޕްރަލް ނޫރައްދީން ޙަސަން

ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗްގައި މިއަދު މާފުށީ ޕްރިޒަން އާއި ޓީމް އެޗްކިއު ބައްދަލުކުރިމެޗް 1-0 އިން ކާމިޔާބުކުރީ މަފުށީ ޕްރިޒަން އެވެ.

މިމެޗްގައި ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ، އެޗްކިއު ޓީމްގެ މައުރޫފް އަބްދުލް އަޒީޒު މާފުށީ ޕްރިޒަން ޓީމްގެ ޖައިލަމް ޖަމީލަށް ޕެނަލްޓީ އޭރިއާތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާފުށީ ޕްރިޒަން ޓީމްގެ އަހުމަދު ނައުފަލް އެވެ.

މި މެޗްގެ ފަހު ހާފުގައި މާފުށީ ޕްރިޒަން ޓީމްގެ އަލީ އަޝްފާގަށް ލިބުނު ހުސްފުރުސަތެއް ވަނީ ބޭނުން ނުކުރެވިފައެވެ. އެޗްކިއު ޓީމަށް އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗަށްފަހު މާފުށީ ޕްރިޒަން ޓީމުގެ ކޯޗް އަހުމަދު ޝާހިން ވިދާޅުވީ ޓީމުގެ ކުޅުމާދޭތެރޭ ހިތްހަމަނުޖެހޭކަމަށާއި، އެހެންނަމަވެސް ތިންޕޮއިންޓު ލިބުމުން އުފާކުރާ ކަމަށެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަން ޓީމްގެ ޖައިލަމް ޖަމީލެވެ. ޖައިލަމް ވަނީ މި މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ އައްސޭރި ޕްރިޒަން އާއި މާލޭ ޕްރިޒަން އެވެ. މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި ހިންމަފުށީ ފުޓްބޯޅަ ދަނޑުގައެވެ.