ޕީ.އާރު.ސީ ފުޓްބޯލް ޓޯނަމަންޓް 2017: އީއެސްޖީއަށް އުނދަގޫ މޮޅެއް.

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް 2017 ގެ ފުރަތަމަ މެޗް އީއެސްޖީ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް 4-3 އިން އީއެސްޖީ މޮޅުވިނަމަވެސް މާލޭ ޕްރިޒަންގެ ޓީމް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގެ ފުރަތަމަ ހާފުގައި މާލޭ ޕްރިޒަން ޓީމްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރާއިދު އަބޫބުކުރުއެވެ. މާލޭ ޕްރިޒަން ޓީމުން ލަނޑެއްޖަހާ، ލީޑު ނެގުމާއެކު އީއެސްޖީގެ ކުޅުން ވަރުގަދަކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން އީއެސްޖީ ޓީމުގެ އަހުމަދު ޝާމިން ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި އެލަނޑުޖެހިތާ ކުޑައިރުކޮޅެއްފަހުން އީއެސްޖީ ޓީމުން އެޓީމުގެ ދެވަނަލަނޑުޖަހާ މެޗްގެ ލީޑު ނެގިއެވެ. މިލަނޑުވެސް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗްގައި މޮޅުކުޅުމެއް ކުޅުނު އަހުމަދު ޝާމިންއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ކައިރިވެފައިވަނިކޮށް މާލޭ ޕްރިޒަން ޓީމުގެ ރާއިދު އަބޫބަކުރު ވަނީ މާލޭ ޕްރިޒަން ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މާލޭ ޕްރިޒަން ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އާރިފް އެވެ. މާލޭ ޕްރިޒަން ޓީމުން ލީޑު ނެގުމާއެކު އަނެއްކާވެސް އީއެސްޖީ ޓީމުގެ ކުޅުން ވަރުގަދަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އީއެސްޖީ ޓީމުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އީއެސްޖީ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ އަފްސަހުއެވެ. އަދި މިއަދުގެ މެޗުން އީއެސްޖީ މޮޅުވިލަނޑު ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ޝާފީއެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީއެސްޖީ ޓީމުގެ އަލީ އަފްސަހުއެވެ.

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮވެއެވެ. މާދަމާ ހަވީރު ބައްދަލުކުރާނީ ޓީމް އެޗްކިއު އާއި މާފުށި ޕްރިޒަން އެވެ.