ޕީއާރުސީ ފުޓްބޯޅަ މުބާރާތް ފަށައިފި

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް 2017” މިއަދު ފަށައިފިއެވެ.

ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ. މި ރަސްމިއްޔާތުގައި ހިންމަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝާން އިބްރާހީމް އާއި ކައުންސިލް މެންބަރުންގެ އިތުރުން ޑީއާރުސީގެ އިސް ވެރިންނާއި ހިންމަފުށި ޕޮލިސް ސްޓޭޝަންގެ އިންޗާޖުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިންމަފުށީގެ އިއްޒަތްތެރިންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މުބާރާތަކީ ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ރާވާ ހިންގާ މިފަދަ ފުރަތަމަ ފުޓްބޯޅަ މުބާރާތްކަމަށާއި މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެމް.ސީ.އެސްގެ އޮފިސަރުންނާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި، މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި، އެމްސީއެސް ގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް، އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި، މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމް.ސީ.އެސް ގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން ކުރިއަށް ގެންދާ މުބާރާތެއްކަމަށް ޕްރިޒަން ކްލަބުން މައުލޫމާތު ދެއްވައެވެ.

މި މުބާރާތުގައި ބައިވެރި ވެފައިވަނީ ޖުމްލަ 5 ޓީމެވެ. އެއީ އައްސޭރި ޕްރިޒަން، މާފުށި ޕްރިޒަން، މާލެ ޕްރިޒަން، ޓީމް އެޗް ކިއު އަދި އީ.އެސް.ޖީއެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ބައިވެރި ވެފައިވާ ފަސް ޓީމުގެ މެދުގައި ލީގް އުސޫލުން 1 ބުރު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމް ދެވަނަ ބުރަށް ދާގޮތަށެވެ. އަދި  2 ވަނަ ބުރަށްދިޔަ 4 ޓީމްގެ މެދުގައި ލީގު އުސޫލުން 1 ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލު ކުޅޭގޮތަށެވެ. ލީގު ޗެމްޕިއަންކަން ލިބޭނީ ފުރަތަމަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.