ނޫސް ބަޔާން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ޤާނޫނުތަކުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާތަކާއި ވާޖިބުތައް އަދާކޮށް، ޙުކުމް ތަންފީޛު ކުރަމުންދާ ފަރާތްތަކުގެ ކިބައިން ދިމާވެދާނެ ނުރައްކަލުން ރައްޔިތުން ޙިމާޔަތް ކުރުމާއެކު، ޢާންމު ފަރުދުންނަށް އަމާންކަން ހޯދައިދީ ރައްޔިތުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންގެންދާ މުއައްސަސާއެކެވެ.

ޙުކުމްތަންފީޛުކުރާ ފަރާތްތައް ބައްދަލުކުރުމަށް، ޤާނޫނު ނަންބަރު 2013/14 ގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގަވާއިދުތަކަކީ ގަވާއިދު ނަންބަރު 2016/R-34 އާއި 2016/R-35 އެވެ. މި ދެ ގަވާއިދު ފިޔަވައި އެހެން އެއްވެސް ގަވާއިދެއްގެ ދަށުން އެފަރާތްތަކާ ބައްދަލެއް ނުކުރެވޭނެއެވެ. ޙުކުމްތަންފީޛުކުރާ މީހުންގެ ފަރާތުން އިސްވެ ދެންނެވުނު ދެ ގަވާއިދުގެ ބޭރުން އެހެންގޮތަކަށް ހޯދާ ނުވަތަ ލިބިގަންނަ މަޢުލޫމާތަކީ ގަވާއިދުން ބޭރުން ހޯދާފައިވާ ތަކެއްޗެވެ. އަދި އެފަދަ ތަކެތި މީޑިއާ މެދުވެރިކޮށް ނުފެތުރުމަކީ މިސަރވިސްގެ އެދުމެކެވެ.

ޝަރުޢީ ޙުކުމެއް އައިސްފައިވާ ފަރާތްތަކާ ޙަވާލާދީ އެއްވެސް ވާހަކައެއް ޝާއިޢުކޮށް ޢާންމު ކުރަންވާނީ އެކަމާގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި މި ދަނޑިވަޅުގައި ޙުކުމް ތަންފީޛުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިސަރވިސްއާ ޙަވާލުނުވެ ތިބި ފަރާތްތައް، ވީ އެންމެ އަވަހަކަށް ޙުކުމް ތަންފީޛުކުރުން ކުރިއަށް ގެންދިޔުމަށް މިސަރވިސްގެ ބެލުމުގެ ދަށަށް އައުމަށް އިލްތިމާސް ކުރަމެވެ.

23   ޖުލައި 2017