‏ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމެންޓްގެ އިސް އޮފިޝަލުންގެ ވަފުދެއް ކޮމިޝަނަރ އޮފް ‏‏ޕްރިޒަންސްއާ ބައްދަލުކުރައްވައިފި ‏

ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާ މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައި ބައްދަލު ކުރައްވައިފިއެވެ.

ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އާޝިން ކަންތަ ޕޯލް، ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕްރިޒަންސް އެމްޑީ ނޫރުން ނަބީ ބުއިޔާން، ޖެއިލަރ އޭ.ކޭ.އޭ.އެމް. މާސޫމް، ޖެއިލަރ އެމްޑީ އަބޫ ތާލިބް، ޑިޕާޓްމަންޓް އޮފް ނާކޮޓިކްސް ކޮންޓަރޯލްގެ ޑިވިޒަނަލް އިންޓެލިޖަންސް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު މާމޫން އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސެކުއިރިޓީ ސަރވިސަސް ޑިވިޒަންގެ ޑެޕިއުޓީ ސެކްރެޓަރީ އެމްޑީ ޢަބްދުލް ކާދިރުއެވެ.

އެމްސީއެސްގެ ފަރާތުން މި ބައްދަލުވުމުގައި ސީޕީ ޝިހާންގެ އިތުރުން އެމްސީއެސްގެ ބައެއް ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދުން ވަނީ އެޤައުމުގެ ޕްރިޒަން ސިސްޓަމާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވާ، ދިވެހިރާއްޖޭގެ ޖަލުތައް ހިންގުމާ ގުޅޭގޮތުން ގިނަ މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ދަށުން ހުކުމް ކުރެވޭ ގޮތްތަކާއި ދެވޭ އަދަބުތަކުގެ އިތުރުން ގައިދީންނަށް ލިބިދޭ ޚިދުމަތްތަކާއި ޢިނާޔަތްތަކާއި ގުޅޭގޮތުންވެސް އެ ބޭފުޅުން ވަނީ ސުވާލުކުރައްވާފައެވެ.

ސީޕީ ޝިހާން ބަންގްލަދޭޝް ޕްރިޒަން ޑިޕަރޓްމަންޓްގެ ވަފްދުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ބަންގްލަދޭޝްއާ އަޅާކިޔާއިރު ދިވެހިރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް ކަމަށާއި ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން ގާތްގަނޑަކަށް %90 ގައިދީންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށެވެ. އަދި ގައިދީން އިސްލާހުކުރުމުގެ ގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުން ދާކަމަށާއި، ގައިދީންނަށް އެލަވަންސް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ލިބޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި ޕެރޯލްގެ ފުރުސަތު އިތުރުން ކްލެމެންސީގެ ފުރުސަތުވެސް ޝަރުތު ހަމަވާ ގައިދީންނަށް ލިބިގެންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިސަރުންގެ ހުނަރާއި ޤާބިލިއްޔަތު ތަރައްގީކުރުމަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް މެދުވެރިކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރުގެ ކޯސްތައްވެސް ހިންގާކަމަށް ސީޕީ ވިދާޅުވިއެވެ.

ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްގެ ވަފްދު ރާއްޖެއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ ބަންގްލަދޭޝް ޕްރިޒަން ޑިޕާޓްމަންޓްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދެމެދު ގުޅުންބަދަހިކުރުމުގެ ގޮތުން ދެއްވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ޖަލުތަކުގެ ކަންތައްތައް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.