ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި މީހެއްކަމުގައިވިޔަސް، ވަކި ހާއްސަ މަސައްކަތެއް ކުރަން ކުރިމަތިލާ ހިސާބުން އެކަމަށް ހާއްސަ ތަމްރީމްބޭނުންވާނެ – ހެލްތް މިނިސްޓަރ

ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި މީހެއްކަމުގައިވިޔަސް، ވަކި ހާއްސަ މަސައްކަތެއް ކުރަން ކުރިމަތިލާ ހިސާބުން އެކަމަށް ހާއްސަ ތަމްރީމްބޭނުންވާނެކަމަށް މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ހަތަރު ކޯހަކުން ފާސްވި  އޮފިސަރުންނަށް ސެޓްފިކެޓް ދިނުމަށް ރޭ މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާންގެ ގޮތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ދިވެހިރާއްޖޭގެ ޕްރިޒަންސް އޮފިސަރުންގެ ތެރޭގައި މިފަދަ ތަމްރީންދޭ ސެންޓަރެއް އުފެދި، މި މަސައްކަތް ޒިންމާދާރު އަދި ޕްރެފެޝަނަލްގޮތުގައި މި އިދާރާއިން ފޯރުކޮށްދެއްވަމުން ދެންދަވާތީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއަށާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއަށް އިހްލާސްތެރިކަމާއެކު މިނިސްޓަރ ނާޠިމް ޝުކުރުއަދާކުރެއްވިއެވެ. އަދި އެ ބޭފުޅުންގެ ލީޑަރޝިޕްގެ ދަށުގައި ރަނގަޅު މިސްރާބަކަށް ކުރިއަށްދާކަމީ އަންނަން އޮތް ޖީލުތަކަށް މިކަންތައް އިޔާދަކޮށްދެވޭނެކަމުގެ ވަރަށް ބޮޑު މިސާލެއްކަމަށާއި މިއީ ވަރަށް މުހިއްމު ގައުމީ ޒިންމާއަކާއި އަސާސީ ހައްގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު ދެކެން ބޭނުންވަނީ އަދި އުންމީދުކުރަނީ ތިބޭދުފުޅުންގެ ޕްލޭންގައި ޑިގްރީ ލެވެލް އަދި މާސްޓަރސް ލެވެލް ކޯސްތައް މިތަނުން ހިންގިގެން ދާނެކަމަށް. އަދި އޭގެ ނަތީޖާއަކަށް  ވެގެންދާނީ، މިތަނުގެ މުވައްޒަފުން ޒިންމާދާރުވެ، ފަންނުވެރިވެ، ޕްރޮފެޝަނަލް ވެގެން ދިއުން” މިނިސްޓަރ ވިދާޅުވިއެވެ.