‏އައްސޭރި ޖަލުގައި “ވަން-ޑޭ ފުޓްސަލް ކަޕް” މުބާރާތެއް ބާއްވައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުން އިންތިޒާމް ކޮށްގެން “ވަން-ޑޭ ފުޓްސަލް ކަޕް” ގެ ނަމުގައި މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޓީމް އެޗްކިއުއެވެ.

އޮފިސަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވި މި މުބާރާތް ކުރިއަށް ގެންދިޔައީ 21 މޭ 2017 ވަނަ ދުވަހު ކ. ހިންމަފުށި ފުޓްސަލް ގްރައުންޑްސްގައެވެ.

މި ފޯރިގަދަ މުބާރާތް ކުރިއަށް ދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓްހޯދާ ދެޓީމް ފައިނަލްގައި ބައްދަލުކުރާގޮތަށެވެ. އެގޮތުން ފައިނަލް މެޗްގައި ޓީމް އެޗްކިއު ވަނީ 9-5 ލަނޑުން ޓީމް އައްސޭރި 2 ބަލިކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ މާލެ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރުއެވެ.

މި މުބާރާތުގައި ޖުމްލަ 09 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ އައްސޭރި ޖަލުން ހަތަރު ޓީމާއި، ޓީމް އެޗްކިއު، މާލެ ޖަލު، ހުޅުމާލެ ޑިޓެންޝަން ސެންޓަރ، ކޮމިޝަންޑް އޮފިސަރ އަދި ކ. ހިންމަފުށި ޕޮލިސް ގެ ޓީމެވެ.