ކުޑަކުދިންގެ ދުވަސް 2017

މާފުށީ ޖަލުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން--

ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ކުޑަކުދިންގެ ދުވަސް ދިވެހިރާއްޖޭގައި ފާހަގަ ކުރަމުންދާއިރު ދުނިޔޭގެ އެކިހިސާބުތަކުގައި ދިރިއުޅެމުންދާ އެތައް ކުޑަކުދިންނެއް މިއަދު ތަހައްމަލު ކުރަމުންގެންދާ ވޭނާއި ކެކުޅުމުގެމަތީން އަޅުގަނޑުމެން ހަނދާންކޮށްލުމަކީ ކުރުން ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. މުސްލިމު އެތައް ގައުމެއްގެ އެތައް ކުދިންނެއް ދާޚިލީ ހަނގުރާމަ ތަކުގައި ޝަހީދުވެ ނުވަތަ މަރާ ހަނގުރާމަ ކުރަމުންދަނީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. މި ކަންތައްތަކަކީ އެކަމާ އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަންތަކެކެވެ.

ދުނިޔޭގެ އެތަންމިތަނުގައި މައުސޫމް އެތައް ކުދިންނެއް މި ދުނިޔެއާ ވަކިވެގެން ދަނީ ހަމައެކަނި ހަނގުރާމައާއި ފަސާދައިގެ ތެރޭގައި އެކަންޏެއް ނޫނެވެ. ފަގީރުކަމާއި ބަނޑުހައިހޫނުކަމަކީވެސް ކޮންމެ ދުވަހަކު އެތައް ކުދިންނެއް މި ދުނިޔެއާ ވަކިވެގެންދާ ސަބަބެކެވެ. މިކަންކަން ހުއްޓުވުމަށް ފުދުންތެރި ގައުމުތަކުން އެކަމަށް ވެފައިވާ އިހުމާލަކީ އަޅުގަނޑުމެން އެކަމާ އަޅާނުލައި ދޫކޮށްލެވޭވަރަށްވުރެން ބޮޑެތި ކަންކަމެވެ.

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެކުދިންނަށްދޭ ސަމާލުކަން އިތުރުކޮށް، އެކުދިންނަށް ކުރެވޭ އަނިޔާއާމެދު ހޭލުންތެރިވެ، އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް އަނިޔާ ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކުޑަކުދީންނާމެދު ވެވޭ އިހުމާލަކީ އެކުދިންނަށް އަޅާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާނުކޮށް، އެކަމުގެ ސަބަބުން ކުދިންނަށް ގެއްލުން ވެދާނެފަދަ ގޮތްގޮތަށް އަމަލު ކުރުމެވެ. އަދި ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ އެންމެހާ ކަންތައްތައް އެކުދިންގެ ބަލަދުވެރިންނާއި އެހެނިހެން ފަރާތްތަކުންވެސް ލިބިފައިވާ ގާބިލުކަމާއި ވަސީލަތް ތަކުގެ ތެރެއިން ފޯރުކޮށް ނުދިނުމެވެ.

ދިވެހިރާއްޖެއަކީ އާބާދީގެގޮތުން ކިތަންމެ މީސްކޮޅު މަދު ގައުމެއްނަމަވެސް މި ގައުމުގައިވެސް ކުޑަކުދިންނަށް އޮތް ނުރައްކާތެރިކަން ކުޑައެކޭ ދެންނެވޭކަށް ނެތެވެ. ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ތަހައްމަލުކުރަން ޖެހިފައިވަނީ ވަރަށްވެސް ނުރައްކާތެރި ހާލަތްތަކެކެވެ. ބައެއްމައިން އެމީހުން ވިހާ ދަރިން އެއްވެސް ރަހުމެއްނެތި މަރަމުންދާއިރު އެ ދަރިންނާމެދު އެއްވެސް ވަރަކަށް ވިސްނާ ފިކުރު ކުރުމެއް ނެތެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގައި އެކުދިންނަށް ދެއްވާފައިވާ ގަދަރުގެ މަތިން ހަނދާންކުރުމެއް ވެސް ނެތެވެ.

މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންވީ ދަރިންނާމެދު އަޅާލައި އެކުދިންނަށް ދޭންޖެހޭ ފުރިހަމަ ތަރުބިއްޔަތު އެކުދިންނަށް ދިނުމަށެވެ. އަދި ކުޑަކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ އެކުދިންނަކީ ކުށްކުރުމުން ދުރުވެތިބޭ އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށެވެ. އެކުދިންގެ ފަރާތުން އަޅުގަނޑުމެން ހިތްހަމަނުޖެހޭފަދަ ކަމެއް ފެނުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެންވެސް އެކުދިންނަށް ރަނގަޅު ނަމޫނާ ދައްކާ ބަޔަކަށް ވުމަށެވެ. އަދި އެކުދިންނަށް ދިމާވާ އެކިއެކި ނުރައްކާތަކުން އެކުދިން ސަލާމަތްކޮށް، ދޭންޖެހޭ އަޅާލުމާއި ލޯބި ކަށަވަރު ކޮށްދިނުމަށެވެ.

ކުޑަކުދިންނަށް އެންމެ ރަނގަޅު ހެޔޮގޮތްތައް މިންވަރު ކުރައްވައި، އެކުދިންގެ ޙައްޤުގައި އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި! އާމީން.

އަޙްމަދު ޝިހާން

ކޮމިޝަނަރ އޮފް ޕްރިޒަންސް