‏ޑިޕްލޮމާ އިން ޤިރާއަތު ކޯސް މާފުށީ ޖަލުގައި ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް ޑިޕްލޮމާ އިން ޤިރާއަތު ކޯހުގެ އެއްވަނަ ބެޗް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މާފުށީ ޖަލުގެ ހެޑް އޮފް ޕްރިޒަނަރ ސަރވިސް ކޮމާންޑް، ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ރިޟާ އެވެ.

ކޯސް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވަމުން، ސީޕީއޯ ރިޟާ ކޯހުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ވިދާޅުވީ މިފަދަ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށާއި ކްލާސްތަކަށް ހާޒިރުވެ ކޯސް ފުރިހަމަކުރުމަށް ހުރިހާ ބައިވެރިންވެސް އަޒުމު ކަނޑައަޅައި އެގޮތަށް މަސައްކަތް ކުރަން ވާނެކަމަށެވެ.

އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ޝާހިދުގެ ވާހަކަފުޅުގައިވަނީ މާފުށީ ޖަލާއި އިންސްޓިޓިއުޓް ފޯ ޤުރްޢާން އެންޑް ސުންނަތުން ދެމުންގެންދާ އެހީ އާއި އެއްބަރާރުލުން ފާހަގަކުރައްވައި، އެ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފައެވެ.

މި ބެޗްގައި 13 ގައިދީން ބައިވެރިވެފައިވާއިރު މި ކޯހުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި ކޯހުގައި ބައިވެރިވެވޭނީ ޤިރާއަތު ކޯސް ލެވެލް ތިނެއް ފުރިހަމަ ކޮށްފައިވާ ގައިދީންނަށެވެ.

މިކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހުންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. އަދި މި ކޯސް ނިމޭއިރު ކީރިތި ޤުރްޢާންގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެއެވެ. އަދި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އެނގި، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލާއި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގި، އަހުލާގީ ރިވެތި ސިފަތައް އުންގަންނައި ދެވޭނެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް ގައިދީންނަށް ހާއްސަކޮށް ތަފާތު އެކި ކޯސްތައް ގެންދަނީ ހިންގަމުންނެވެ.