އަޅުގަނޑުމެންގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން – ޑީސީޕީ ޒިލާލް

ރޭގެ ޙަފްލާގައި ޑީސީޕީ ހަސަން ޒިލާލް ވާހަކަފުޅު ދައްކަވަނީ
ރޭގެ ޙަފްލާގައި ޑީސީޕީ ހަސަން ޒިލާލް ވާހަކަފުޅު ދައްކަވަނީ

އަޅުގަނޑުމެންގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވެއްޖެއެވެ.

ޑިސީޕީ ޒިލާލް މިހެން ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންގެންދާ އަންހެން ގައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 އިފްތިތާހުކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑީސީޕީ ޒިލާލް ވިދާޅުވީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ މަސައްކަތަކީ އެކިފަހަރުމަތިން “ބުރަކި” ޖެހެމުން، މެދުކެނޑެމުންދިޔަ މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް މި މަސައްކަތް ކާމިޔާބު މަސައްކަތަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ކުރެވިފައި ވާކަމަށެވެ.

ޑީސީޕީ އިތުރަށް ވިދާޅުވީ މި މަދަރުސާއިން އެމީހުން ފާސްކޮށްދިނުމަށް ކުރާ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއެކު ކަމަށާ، އެގޮތުން މިހާރުވެސް އެކިފާޑުގެ ވިސްނުން ހުރި މީހުންނާ ކުރިމަތިލާ އެމީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ހުރިހާ އޮފިސަރުން ތިކުރާ މަސައްކަތަކީ ޝުކުރުން ފުރިގެންވާ މަސައްކަތެއް ކަމަށެވެ.

ޑީސީޕީގެ ވާހަކަފުޅުގައި ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ފުރިހަމަކުރާ ގައިދީންނަށް މުޖުތަމައަށް ދިޔުމުގެ ފުރުސަތު ޕެރޯލް ޕްރޮގްރާމް މެދުވެރިކޮށް ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ގައިދީންވެސް މި ޕްރޮގްރާމް ފުރިހަމަކުރުމަކީ މުހިންމު ކަމެއްކަމަށާއި އޮފިސަރުން އިތުރަށް މި މަސައްކަތުގައި ކުރިމަތިލާ ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް މަސައްކަތް ކޮށްދެއްވުމަށެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި ޖަލުތަކުން ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސްތައް ކުރިއަށް ގެންދިއުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޑީސީޕީ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *