‏ކޮމިޝަނަރ އޮފް ޕްރިޒަންސް އައިސީއާރްސީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި ‏

_MG_0064

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާ ވަފުދުގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި އައިސީއާރްސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އައިސީއާރސީގެ ހެޑް އޮފް ރީޖަނަލް ޑެލިގޭޝަން މިސްޓަރ އިންގްލޭންޑް އާއި ޕްރޮޓެކްޝަން ކޯޑިނޭޓަރ މުނސިއޭ ބެޛާންޞޮންއެވެ. އެމްސީއެސްގެ ފަރާތުން މި ބައްދަލުވުމުގައި ސީޕީ ޝިހާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.

އައިސީއާރްސީއަކީ އެކިއެކި ރޮނގުން ބައިނަލްއަޤްވާމީގޮތުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާ މުސްތަގިއްލު މުއައްސަސާއެކެވެ. މި މުއައްސަސާ އާއެކު 2004 ވަނަ އަހަރު ރާއްޖެއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ރާއްޖޭގައި މީހުން ބަންދުކުރެވޭ ތަންތަން ބަލާ މޮނިޓަރކޮށް އެތަންތަނުގެ ކަންތައްތައް ހުންނަގޮތާއި ގުޅޭގޮތުން ރިޕޯޓެއްނެރެއެވެ. އަދި އެފަދަ ތަންތަން އިތުރަށް ތަރައްޤީކޮށް މީހުން ބަންދުކޮށްގެން ބޭތިއްބުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން ލަފާ ދޭނެއެވެ.

ރާއްޖޭގައި މީހުން ބަންދުކުރެވޭ ތަންތަން ބަލާ މޮނިޓަރ ކުރުމަށް ކޮންމެ އަހަރަކުވެސް އައިސީއާރްސީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ވޭތުވެދިޔަ 2016 ވަނަ އަހަރު ޖެނުއަރީ މަހު މި ވަފުދުގެ ބޭފުޅުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކަށް ޒިޔާރަތް ކުރައްވާ، މެއި 2016 ގައި ނެރުއްވި ރިޕޯޓުގައި އެމްސީއެސްގެ ޖަލުތަކުގެ ހާލަތު ބަޔާންކުރެއްވުމުގެ އިތުރުން، ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ބައެއް އިރުޝާދު ހިމަނާފައިވެއެވެ.

މި ބައްދަލުވުމުގައި ސީޕީ ޝިހާން ވިދާޅުވީ މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި އެމްސީއެއްގެ ޖަލުތަކުގެ ކަންކަން ހުރީ އާންމުގޮތެއްގައި ރަނގަޅަށް ކަމަށް ފާހަގަކުރެވޭ ކަމަށާއި އަދި އެކަމާ ވަރަށް އުފާފުޅު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އެ ރިޕޯޓުގައި އައިސީއާރްސީ އިން ދެއްވާފައިވާ އިރުޝާދާއެއްގޮތަށް ކަންކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. އަދި ޖަލުތަކުގައި ތިބި ގައިދީން އިސްލާހުކޮށް ޕެރޯލް ނިޒާމްގެ ތެރެއިން ގައިދީން ދޫކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ އައިސީއާރްސީގެ ވަފުދު ޖަލުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު އިތުރު ބައްދަލުވުމެއް ބާއްވާ ދެފަރާތުން މަޝްވަރާ ކުރެއްވުމަށް އެއްބަސްވުމާއެކުވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *