މާފުށީ ޖަލުގައި އޮފިސަރުންގެ “ގެދަރިންގ ނައިޓް” އެއް ބާއްވައިފި

ޕްރިޒަނަރ ސަރވިސް ކޮމާންޑްގެ އޮފިސަރުން --- ފޮޓޯ: ޕްރިޒަން ކޯޕްރަލް ނޫރައްދީން

މާފުށީ ޖަލުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ހަތަރު ކޮމާންޑްގައި ކުރާ އެންމެހާ މަސައްކަތްތައް ހުރިހާ އޮފިސަރުންނަށް ހިއްސާ ކުރުމުގެ ބޭނުމުގައި އޮފިސަރުންގެ، ގެދަރިން ނައިޓެއް ރޭ އެ ޖަލުގައި ބާއްވައިފިއެވެ.

މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ އަބްދުﷲ އަމީން ޝަރަފްވެރިކޮށްދެއްވި މި ގެދަރިންގ ނައިޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކޮމާންޑް ތަކުގެ ދައުރަކީ ކޮބާކަމާއި، ކޮމާންޑްތަކުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައި ހުންނަ ގޮތް ހުރިހާ އޮފިސަރުންނަށް ހިއްސާ ކުރުމާއި ކޮމާންޑް ތަކުގެ ވެރިންގެ ދައުރާއި، އެ ކޮމާންޑް ތަކުގެ ދަށުގައިވާ ޑިޕާޓްމަންޓް ހެޑުންގެ ދައުރަކީ ކޮބާކަމާއި، އަދި ހާއްސަ ގޮތެއްގައި “ޗެއިން އޮފް ކޮމާންޑް” އަށް ހުރިހާ އޮފިސަރުން އަހުލުވެރި ކުރުވުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ހަފްލާއެކެވެ. މިއީ މަހަކު ކޮމާންޑެއް ތަމްސީލުކުރާގޮތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ރޭގައި ފެނިގެންދިޔައީ ޕްރިޒަނަރ ސަރވިސް ކޮމާންޑްގެ ދައުރާއި އެ ކޮމާންޑްގެ ދަށުގައިވާ އެހެނިހެން ޑިޕާޓްމަންޓް ތަކުގައި ކުރާ މަސައްކަތްތަކެވެ.