ޤިރާތު ކޯސް ލެވެލް ތިނެއްގެ ތިންވަނަ ބެޗު މާފުށި ޖަލުގައި ފަށައިފި

ޤިރާތު ކޯހުގެ ކުލާހެއްގެ ތެރެއިން

ޤިރާތު ކޯސް ލެވެލް ދޭއްގައި ބައިވެރިވެ އެކޯސް ފުރިހަމަކޮށްފައިވާ ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤިރާތު ލެވެލް ތިނެއްގެ ތިންވަނަ ބެޗުގެ ކިޔެވުން މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މިކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހުންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މި ކޯސް ނިމޭއިރު ޤުރުއާނުގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެއެވެ. އަދި ޢަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އެނގި، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގިގެން ދާނެއެވެ. އަދި މިކޯހުގައި އަޚްލާޤީ ރިވެތި ސިފަތައް އުންގަންނައި ދެއެވެ. މި ކޯސްފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް 4 އިން ޤިރާތު ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެން ދާނެކަމަށް އެމްސީއެސް އިން މައުލޫމާތު ދެއްވައެވެ.

މި ކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އިންސްޓިޓިއުޓް ފޮރ ޤުރުއާން އެންޑް ސުންނަތާ ގުޅިގެން ހަތްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.