އެމްސީއެސްގެ މުވައްޒަފުންތަކެއް އޮފީހުން ނުކުތަނުދީ ހިފަހައްޓައިފި

ޓީވީ ޗެނަލަކުން ފެތުރި ހަބަރަކާ ގުޅިގެން ބަޔަކު ހިތްހަމަނުޖެހިގެން އިއްޔެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީހަށް ވަދެގަނެ އެތަނުގައިތިބި މުވައްޒަފުން ގެއަށް ދިޔަނުދީ ހިފަހައްޓައިފިއެވެ.

އެމީހުންގެ ކަންބޮޑުވުމަށް އެމްސީއެސް އިން ޖަވާބު ދިނުމުންވެސް އެކަން ބަލައި ނުގަންނާނެކަމަށް ވަނީ ބުނެފައެވެ. އަދި މާފުށީ ޖަލުން ގައިދީގެ އާއިލާތަކަށް ސީދާ ގުޅާ އެކަމުގެ ހަގީގަތް ކިޔައިދިނުމުންވެސް އެމީހުންވަނީ އެކަން ބަލައި ނުގަންނާނެކަމަށް ބުނެފައެވެ.

އެމީހުން އޮފީހުން ނެރެންޖެހުނީ ފުލުހުންގެ އެހީތެރިކަމާއެކު ގަދަކަމުންނެވެ.

މިފަދަ އަމަލުތަކަކީ އެމްސީއެސް އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ. އަދި އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނަށާއި ސިވިލް މުވައްޒަފުންނަށް ގޯނާކޮށް، އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅުމަކީ ގާނޫނީ ގޮތުންވެސް ތަންދޭކަމެއް ނޫނެވެ.

އެމްސީއެސް އިން ގައިދީންނަށް ދެމުންގެންދާ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށް ދިނުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖަލުގައި ހިނގާ ހިތާމަވެރި ހާދިސާ ތަކުގެ މަޢުލޫމާތު ކަމާގުޅޭ މުއައްސަސާ ތަކަށާއި މީޑިއާ އަށް އެމްސީއެސް ގެންދަނީ އަބަދުވެސް ހިއްސާ ކުރަމުންނެވެ.