‏ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް 2017‏

އެމްސީއެސްގެ އަންހެން އޮފިސަރުންނާއި މުވައްޒަފުން

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ އަންހެން ކަނބަލުންނަށް ތަހުނިޔާ ދަންނަވަން!

އަންހެނުންނަކީ ކޮންމެ ގައުމެއްގެ އަދި މުޖްތަމަޢުއެއްގެވެސް ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް. މިއަދުގެ އަންހެން ކަނބަލުންނަކީ ކެރިގެން ފިރިހެންނުންނާއެކު އެއް ސަފެއްގައި ކުރިއަށްދާ ކަނބަލުންތަކެއް. މި ޤައުމު ބިނާކޮށް ކުރިއަށް ގެންދިޔުމުގައި، އަންހެނުންގެ ދައުރު ފުޅާވެ، އަންހެނުންގެ އެކި ޙަރަކާތްތައް އިތުރުވެގެން ދިޔުމަކީ، ޤައުމަށާއި މުޖްތަމަޢުއަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް.

ނަމަވެސް އަންހެނުންނަށް ލިބެމުންދާ އަނިޔާތައް އިތުރުވަމުންދާއިރު، އަންހެނުންނަށް ފުރިހަމަ އިންސާފު ހޯދައިދިނުމަކީވެސް މުހިއްމު ކަމެއް. އަންހެނުންނަކީ މުސްތަޤުބަލު އަލިކުރާ، ކުރިއަށްއޮތް ޖީލަށް ހަރުދަނާ ބިންގަލެއް އަޅާ، އެ ޖީލު ބައްޓަންކުރާ މިސާލުތަކެއް. އެއީ މަންމައެއްގެ، ދައްތައެއްގެ އަންބެއްގެ ނޫނީ ކޮންމެ ދާއިރާއަކުންވިޔަސް، ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް. އަދި މިގޮތުން އެކުދިންނަށް ރަނގަޅު މަގު ދައްކައިދީ، އޯގާތެރިކަމާއި ލޯބި ދޭ ނަމަ، އެއީ އެ ކުދިން ކުށުގެ ވެށިން ދުރުހެލިވެތިބުމަށް ލިބޭ ހިތްވަރެއް.

މިއަދުގެ އަންހެނުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބައެއް. ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވާ ބައެއް. ސަރުކާރާއި އަމިއްލަ ކުންފުނި ތަކުގެ މުހިންމު ނިންމުންތައް ނިންމާ ފަންތީގައި މަސައްކަތްކުރާ ބައެއް. އަދި ވަޒީފާއަށް ނުދިޔަ ކަމުގައިވިޔަސް، ގޭގައި ތިއްބަވައިގެން އާއިލާގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ ބައެއް.

އެހެން ކަމުން އެއްވެސް ޖިންސީ ތަފާތުކުރުމެއްނެތި، އިންސާފްވެރިކަމާއެކު އަންހެން ކަނބަލުންނަށް ކުރިއަށްދާނެ ފުރުސަތުތައް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. ގައުމުގެ ތަރައްގީއަށް އިތުރުކުރެވޭ އާ ހަރުފަތެއް.

ވޭތުވެ ދިޔަ އަހަރުތަކުގައި އެކި ރޮނގޮތަކުން ދިވެހި ޤައުމު ތަރައްޤީކުރުމަށް އަންހެން ކަނބަލުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ތަޢުރީފުކޮށް، އެކަނބަލުންނަށް ޝުކުރު އަދާކުރަން. އަދި ޚާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ތެދުވެރިކާމާއި ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ އޮފިސަރުންނަށާއި މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި ޝުކުރުއަދާކުރަން.

اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ކަނބަލުންނަށް، އުފާވެރިކަމާއި ކާމިޔާބީ މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.

އަޙްމަދު ޝިހާން

ކޮމިޝަނަރ އޮފް ޕްރިޒަންސް