އެމްއާރްޑީސީގެ އިސްވެރިންނާއެކު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެމްސީއެސް އިން އެމްއާރުޑީސީ އާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އިސްވެރިންނާއެކު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކ. ތިލަފުށީގައި ހުންނަ “އެމްސީއެސް އަހުލުވެރި މަރުކަޒު” ގައި ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

އަދި މިއަހަރު ކުރަންހުރި މަސައްކަތްތައް ފުޅާކުރާއިރު އަލަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބާތޯބަލާ، އެކަންކަން ކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި އެމްއާރްޑީސީގެ މެނޭޖިންގ ޑައިރެކްޓަރގެ އިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އަޙްމަދު މަމްދޫހާއި ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީހުގެ އިތުރުން މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އަލްފާޟިލް ޔާމިން ޢަބްދުލް ވައްހާބު ބައިވެރިވެވަޑައިގެންނެވިއެވެ. އެމްސީއެސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ އިތުރުން ބައިވެރިވެލެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް ނާޝިދުއެވެ.

އެމްސީއެސް އަހުލުވެރި މަރުކަޒަކީ ގައިދީން ހުކުމް ތަންފީޒްކުރުމަށްފަހު މުޖްތަމައުއަށް ނިކުންނައިރު އެމީހުންނަކީ އިސްލާހުވެފައިވާ، އިލްމުވެރި އަދި މަސައްކަތްތެރި ބައެއްގެ ގޮތުގައި ހެދުމަށް އެމްސީއެސްއިން ކުރިއަށްދާ މަސައްކަތްތަކުގެ ބޮޑު ދައުރެއް އަދާކުރާ މަރުކަޒެކެވެ.