ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭން އެމްސީއެސްގައި ފަށައިފި

ދިވެހިރާއްޖެއިން މީސްލްސް ނުވަތަ ހިމަބިހި ނައްތާލުމަށް ހިންގާ ގައުމީ ކެމްޕެއިން “އެމް.އާރް މާރސް ކެމްޕެއިން”، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިދިޔަ އާދިއްތަ ދުވަހު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވެސް މިކެމްޕެއިން އިއްޔެއިން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ.

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ދެކުނު އޭޝިޔާ ސަރަހައްދުގެ 11 ގައުމުން ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުގެ ކުރިން މި ސަރަހައްދުގެ ހުރިހާ ގައުމަކުން ހިމަބިހި ނައްތާލުމަށް ކަމަށާ މިއަދުން ފެށިގެން ކެމްޕެއިންގެ އެހީގައި މި އަހަރު ތެރޭގައި މި ލަނޑުދަނޑި ހާސިލުކޮށް، މި ސަރަހައްދުން ހިމަބިހި ނައްތާލާ ފުރަތަމަ ގައުމަށް ރާއްޖެ ވެގެންދާނެ ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންވެސް މި ލަނޑުދަނޑި ހާސިލު ކުރުމުގައި އެބޭފުޅެއްގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް މިނިސްޓަރ އޮފް ހެލްތު އިލްތިމާސް ކުރެއްވިއެވެ.

މި ކެމްޕެއިންގައި ވެކްސިން ދެވެނީ 15 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނަށެވެ. އެގޮތުން މި ކެމްޕެއިންގެ ދަށުން މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 220 ގައިދީންނަށް މި ވެކްސިން ދޭންޖެހޭއިރު 210 ގައިދީންނަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައެވެ. އަދި 10 ގައިދީންވަނީ ވެކްސިން ޖެހުމަށް އިންކާރު ކޮށްފައެވެ.