ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރސީއެމްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރުސީއެމްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން---

ކޮމިޝަނަރ އޮފް ޕްރިޒަންސް އެޗްއާރސީއެމްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުންއޮތީ ހިއުމަން ރައިޓްސް ކޮމިޝަން ގައެވެ.

މި ބައްދަލުކުރެއްވުމުގެ ބޭނުމަކީ ގާނޫނު ނަންބަރު 2013/14 “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނު” ގައި ކުރަން ލާޒިމްކުރާ ކަންކަން ކުރުމަށްޓަކައި މިހާރު ތަނަށް ގެންނަމުންދާ އިދާރީ ބަދަލުތަކާއި އެމްސީއެސްއިން ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ގެންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު ކޮމިޝަންގެ މެންބަރުންނާ ހިއްސާކުރެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލު ކުރެއްވުމުގައި ގައިދީންނަށް ދެމުންގެންދާ އެކިއެކި ޚިދުމަތްތަކަށް ގެންނަން ގަސްތުކޮށްފައިވާ ބައެއް ބަދަލުތަކާއި ގުޅޭ މަޢުލޫމާތުވެސް ކޮމިޝަނަރ ވަނީ އެޗްއާރުސީއެމްގެ މެންބަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި އެމްސީއެސް އިން މިހާރު ކުރަންހުރި ކަންތައްތައް ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތުވެސް ކޮމިޝަނުގެ މެންބަރުންނަށް ވަނީ އަރުވާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުންވަނީ މިކަމަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ގާނޫނު އަސާސީއާއި ގާނޫނު ތަކުގެ ތެރެއިން ގެނެވޭ ކޮންމެ އެދެވޭ ބަދަލަކީ ކޮމިޝަނުން ބަލައިގަންނާނެ ބަދަލެއްކަމަށްވެސް މެންބަރުންވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ބައިވެރިވެލެއްވީ ކޮމިޝަންގެ ރައީސާ އާމިނާތު އީނާސް އާއި ނައިބު ރައީސް ޝިފާގު މުފީދު އާއި ކޮމިޝަނަރ މޫސާ ޢަލީ ކަލޭފާނު އާއި ކޮމިޝަނަރ ނައިވީން އަބްދުﷲ އާއި ކޮމިޝަނަރ އައިޝަތު އަފްރީން މުޙައްމަދު އެވެ. އެމްސީއެސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އެވެ.