މިނިސްޓަރ އޮފް ހެލްތު އައިޖީއެމްއެޗް އާއި އެމްސީއެސްގެ އިސްވެރިންނާ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް އައިޖީއެމް ހޮސްޕިޓަލުގެ އިސްވެރިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ހެލްތުގައެވެ. މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ، ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުޙަތު ޝަހީރު އާއި އޮޕަރޭޝަން ޑައިރެކްޓަރ މުޙައްމަދު ރިޝްވާން ގެ އިތުރުން މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްސީއެސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޖަލުތަކުގައި ތިބި ގައިދީންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ތަނަވަސްކޮށް ފޯރުކޮށްދެވޭނެ ގޮތަކީ ކޮބާތޯ ބެލުމާ ގުޅޭ ގޮތުންނެވެ. އަދި މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުން ފޯރުކޮށްދޭ އެކިއެކި ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން ޖަލާއިހަމައަށް ފޯރުކޮށްދެވޭނީ ކޮންކޮން ޚިދުމަތް ތަކެއްތޯ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ޖަލުތަކުގައި ތިބި ގައިދީންނަށް ޝެޑިއުލްކޮށް “ސްޕެޝަލިސްޓް” ޑޮކްޓަރުން ޖަލުތަކަށް ޒިޔާރަތްކޮށްގެން ބަލިމީހުންނަށް ފަރުވާ ދިނުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިގޮތަށް ހެދުމުން ކިއުގައި ތިބެންޖެހޭ ވަގުތު ސަލާމަތް ކުރެވިގެންދާނެއެވެ. އަދި ދައުލަތުން ގައިދީން އުފުލުމަށް ކުރާ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެއެވެ.