މާލޭ ޖަލުގައި އެއްދުވަހުގެ ފުޓްސަލް މުބާރާތެއް ބާއްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް ، ޗެމްޕިއަން ޓީމަށް ޓްރޮފީ ޙަވާލުކޮށްދެއްވަނީ---

މާލޭ ޖަލުގެ އޮފިސަރުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ގާއިމްކޮށް އެކުވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އެއްދުވަހުގެ ފުޓްސަލް މުބާރާތެއް އެ ޖަލުގައި ބާއްވައިފިއެވެ.

އިއްޔެ ހެނދުނު ފެށި މި މުބާރާތުގައި ޖުމްލަ 5 ޓީމް ވާދަކޮށްފައި ވެއެވެ.

މުބާރާތުގެ މެޗްތައް ކުޅެފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެޓީމް ފައިނަލް ކުޅޭ ގޮތަށެވެ.

މި މުބާރާތަށް ޓީމްތައް ބަހާފައިވަނީ އެސްކޮޓް ފިޔަވައި ދެންހުރި ސެކްޝަންތައް، ކޮންމެ ދެ ސެކްޝަނެއް އެއްކޮށްލައިގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ޑެލްޓާ / ބްރާވޯ ޓީމެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.