‏އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017: ޕީއާރްސީ ކުޅުނު ފުރަތަމަ މެޗް ‏‏ކާމިޔާބުކޮށްފި‏

ރޭ ޕީއާރްސީ ކުޅުނު މެޗްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރްސީ) އިން އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް 2017 މުބާރާތުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ.

ރޭ ހުޅުމާލޭ ފުޓްސަލް ގްރައުންޑްގައި ކުޅުނު މި މެޗް ޕީއާރްސީއިން ކާމިޔާބުކުރީ ލައިން އޭޖް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ. މި ފޯރިގަދަ މެޗްގެ ފުރަތަމަ ހާފްގައި ޕީއާރްސީއިން ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް، ލައިން އޭޖް ސްޕޯޓްސް ކްލަބްއިން ވަނީ ލަނޑެއްޖަހައި ޕީއާރްސީއާ އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފްގައި ޕީއާރްސީއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލައިން އޭޖްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗްގެ ޕީއާރްސީ ކާމިޔާބުކުރީ 2:1 ގެ ސްކޯއަކުންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކީ ޕީއާރްސީގެ ދެ ލަނޑުކާމިޔާބުކުރި އާދަމް މަންސޫރުއެވެ.

މި މުބާރާތުގައި ޖުމްލަ 108 ޓީމުން ވަނީ ބައިވެރިވެފައެވެ.

ޕީއާރްސީގެ ދެވަނަ މެޗްކުޅުމަށް ހަމަޖެހިފައިވަނީ 03 މާރިޗް 2017 ވާ ހުކުރު ދުވަހުގެ ރޭ 9:00 ޖަހާއިރުއެވެ.