‏”ޑިސިޕްލިނަރީ މައްސަލަތަކުގައި ކަނޑާލަންޖެހޭ އޮފިސަރުންގެ ރެކޯޑް ސާފުކޮށް ބޭއްވުމަކީ މުޖުތަމަޢުއަށް ‏‏ދެވޭ ގެއްލުމެއް” – ސީޕީ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުން އެކިއެކި ޑިސިޕްލިނަރީ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރުމަށް ނިންމުމުން، ނުވަތަ ވަޒީފާއިން ވަކި ކުރާނެކަން އެމުވައްޒަފުންނަށް ޔަޤީންވުމުން، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދެމުންދާތީ، އެއޮފިސަރުންގެ ރެކޯޑް ސާފުކޮށް އޮންނަ ގޮތަށް އެފަދަ އޮފިސަރުން ވަޒީފާއިން ވަކިކޮށްދިނުމަކީ ރައްކާތެރި މުޖުތަޢުއަކަށް އެޅޭ ހުރަހެއްކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ސިފަކުރައްވައިފިއެވެ.

ސީޕީ ޝިހާން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ދާދި ފަހުން ބޭއްވި އެމްސީއެސްގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލު ވުމެއްގައެވެ.

އެގްޒެކެޓިވް ބޯޑުގެ މި ބައްދަލުވުމުގައި އެޖެންޑާ ކުރައްވާފައިވާ މައްސަލައަކީ އެމްސީއެސްގެ ހިދުމަތުން ވަކިވެގެން ދާ ކޮންމެ އޮފިސަރަކީވެސް އިތުބާރުކުރެވޭ މީހެއްގެ ގޮތުގައި ދެމެހެއްޓުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން އެ ބޯޑުގެ ބޭފުޅުން ވިދާޅުވީ އޮފިސަރެއް ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރިކަން އެނގިހުރެ އެކަން ހާމަ ނުކުރުމުން، އެއީ ކުށްކުރި މީހާއަށް އިތުރު ކުށް ކުރުމަށް ލިބިގެންދާ ހިތްވަރެއް ކަމަށާ އަދި އެކުށް ތަކުރާރުކުރަން ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ. މިގޮތުން ކުށެއް ކޮށްގެން ހިދުމަތުން ވަކިވާ އޮފިސަރުންގެ ކުށް ފޮރުވުމަކީ، އެފަދަ ކުށެއް އެމީހަކު ތަކުރާރު ކުރުމަށް ދެވޭ އިތުރު ފުރުސަތެއް ކަމަށްވެސް މި ބައްދަލުވުމުގައި ބައިވެރިން ފާހަގަ ކުރެއްވިއެވެ. އަދި އެއީ މި މުއައްސަސާގައި ތެދުވެރިކަމާއި ސާބިތުކަމާއެކު މަސައްކަތްކުރާ ހީވާގި އޮފިސަރުންގެ ގަދަރާއި އިއްޒަތުގެ އިތުރުން އިތުބާރުވެސް ގެއްލޭކަމެއް ކަމަށާއި، މި މުއައްސަސާގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރުވެސް ގެއްލޭކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

އެގްޒެކެޓިވް ބޯޑުގެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ޙުކުމެއް ތަންފީޒުކުރުމަށް ކޯޓަކުން ނިޔާ ކަނޑައެޅުމުން އެ ޙުކުމް ތަންފީޒު ކުރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަނީ ރައްކާތެރި މުޖުތަމަޢުއެއް ޤާއިމް ކުރުމަށް ކަމަށާއި ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައި ކުށްވެރިންނަށް ލިބިދޭންޖެހޭ އަސާސީ ޙައްގުތަކާ އެހެނިހެން އިނާޔަތްތަކާ ފަސޭހަތައް ކަށަވަރު ކުރުމުގައި މަޝްޣޫލްވެ އުޅޭ  އޮފިސަރުންނަކީ، ކުށުގެ މާހައުލުން ދުރުވެތިބޭ ހަރުދަނާ ބަޔަކަށް ވާންޖެހުމުގެ އިތުރުން، އާންމު ރައްޔިތުންނަށް މިސާލަކަށް ވާންޖެހޭ ބައެއް ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި މެންބަރުން އިތުރަށް ވިދާޅުވީ އެމްސީއެސްގެ އޮފިސަރުންނަކީ ކުށުގެ މާހައުލުން ސާބިތުކަމާއެކު ދުރުވެތިބޭ، ހަރުދަނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އަމާން، ރައްކާތެރި މުޖްތަމަޢުއެއް ގާއިމުކުރުމަށް އެމްސީއެސްއިން އަދާކުރާ މުހިއްމު ދައުރު ދެމެހެއްޓޭނީ، އެމްސީއެސްގެ އޮފިސަރުން ވެސް ކުށުގެ މާހައުލުން ދުރުވެ، ތެދުވެރިކަމާއެކު ހަރުދަނާކޮށް ޒިންމާތައް އަދާކޮށްގެން ކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރަކުވެސް ކުށެއްކޮށްފިނަމަ، އެ ކުށް ނުފޮރުވާ، އެމީހުންނަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށެވެ.

މެންބަރުން އިތުރަށް ވިދާޅުވީ ޚިދުމަތުން ވަކިވެގެންދާ ކޮންމެ އޮފިސަރަކީވެސް އިތުބާރުކުރެވޭ ގޮތެއްގައި ޚިދުމަތުން ވަކިވެގެންދާ މީހެއް ކަމުގައި ވުމަކީ، މުޖުތަމަޢުއިން އޮފިސަރުންނާ މެދު ބަހައްޓާ ގަދަރާއި އިއްޒަތް ދެމެހެއްޓުމަށް ކޮންމެހެންވެސް ލާޒިމް ކަމެއްކަމަށެވެ.

މި މައްސަލައިގައި އެގްޒެކެޓިވް ބޯޑުގެ އިއްތިފާގުން ނިންމެވީ މި ސަރވިސްގެ ކޮންމެ މުވައްޒަފަކީވެސް އަޚްލާގީ ވަކި މިންގަނޑެއްގެ ތެރޭގައި ވަކި އުސޫލުތަކެއް ދަމަހައްޓަންޖެހޭ ބަޔަކަށްވެފައި، މުޖުތަޢުއިން އެ އޮފިސަރުންނަށް ކުރާ އިތުރުބާރު ދެމެހެއްޓޭނީ، ހާމަ ގޮތެއްގައި ކުށްކުރާ އޮފިސަރުންގެ ކުށުގެ ރެކޯޑު ނުފޮރުވާ އަދި ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި އެފަދަ އޮފިސަރުން އަމިއްލައަށް އެދުނުކަމުގައި ވީނަމަވެސް އަމިއްލައަށް އެދިގެން ވަކިވިކަމުގައި ވަޒީފާއިން ވަކިކުރި ޗިޓުފަދަ ލިޔުން ތަކުގައި ބަޔާން ކުރުމުގެ ބަދަލުގައި އެ އޮފިސަރުގެ އަމަލުތަކުގެ ހަގީގަތް އެނގޭ ފަދަ ގޮތަކަށް ރެކޯޑުތައް ހުރެގެންކަމަށެވެ.