‏ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޔޫއެސް އެމްބަސީގެ ބޭފުޅުންނާ ‏‏ބައްދަލުކުރައްވައިފި ‏

މިއަދު ޔޫއެސް އެމްބަސީ އާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެމްބަސީ  އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސް)ގެ ޕީއޭސީއޯއެމް އޯގްމެންޓޭޝަން ޓީމްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ވާހަކަދެކެވުނީ ގައިދީންނަށް ހިންގާ ވޮކޭޝަނަލް ޕްރޮގްރާމްތައް އިތުރަށް ތަރައްގީ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާ ގުޅޭގޮތުންނެވެ.

ޔޫއެސް އެމްބަސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑައިރެކްޓަރ، އިންފޮމޭޝަން ސަޕޯރޓް ޓީމް މރ ސެއޮން ލީ އާއި ޑައިރެކްޓަރ އޮފް ސިވިލް މިލިޓަރީ ސަޕޯޓް އެލެމެންޓް މރ ޔޮންގް ލީ، ސިވިލް އެފެއަރޒް ޕްލޭނަރ މރ ޑެނިއަލް ބަރޖް، ޑެޕިއުޓީ ޑައިރެކްޓަރ، އިންފޮމޭޝަން ސަޕޯރޓް ޓީމް މރ އެޑްވަރޑް ޑަރފޮރ އަދި މސ އެ އެމްބަރސީގެ މުވައްޒަފެއްކަމަށްވާ ސުޗޭތާ ޝަރްމާއެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދުވެސް މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގެންދަނީ ތަފާތު ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ.