މާފުށީ ޖަލާއި ކާށިދޫ ޖަލުގެ ކަރަންޓާއި ގުޅޭގޮތުން އެމްސީއެސް އިން ސްޓެލްކޯ އާއި މަޝްވަރާ ކޮށްފި.

އެމްސީއެސްގެ ފަރާތުން ސްޓެލްކޯ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މާފުށި ޖަލަށް ފޯރުކޮށްދެމުންގެންދާ ކަރަންޓްގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމުގެގޮތުންނާއި ކ.ކާށިދޫގައި އެޅުމަށް ހަމަޖައްސާފައިވާ ޖަލަށް ކަރަންޓްގެ ޚިދުމަތް ދިނުމާގުޅޭގޮތުން އެމް.ސީ.އެސްއިން ސްޓެލްކޯގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސްޓެލްކޯގައެވެ.

މިބައްދަލުވުމުގައި މާފުށީ ޖަލުގެ ކަރަންޓަށް ދިމާވާ އެކި ޓެކްނިކަލް މައްސަލަތަކާއި އަދި އެނޫންވެސް އެފަދަ ކަންކަމާ ގުޅިގެން މާފުށިން ކަރަންޓް ކެނޑޭ ޙާލަތްތަކުގައި މާފުށި ޖަލުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެން ނުދާނެފަދަ ގޮތަކަށް އެޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަކާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މީގެއިތުރުން ކ.ކާށިދޫ ޖަލުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާފައިވާތީވެ، އެޖަލަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން އެޚިދުމަތް ދިނުމަށްޓަކައި ސްޓެލްކޯއިން ފުރިހަމަ ކުރަންޖެހޭ ކަންކަން އެފަރާތުން ކުރުމަށް ނިންމުނެވެ.

މިބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން ބައިވެރިވެލެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ޝުކޫރު އާއި ޑައިރެކްޓަރ އަޙްމަދު ޝާނީޒް އާއި ސީނިއާ އިންޖިނިއަރުން ކަމުގައިވާ އަޙްމަދު ޔޫސުފް މަނިކު އާއި ޢަލީ އަޙްމަދުގެ އިތުރުން ސީނިއާ ސުޕަވައިޒަރ މުޙައްމަދު ޝާން އެވެ. އެމް.ސީ.އެސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެރިވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު އެވެ.