މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016: ޗެމްޕިއަންކަން ޕްރިޒަނަރ މެނޭޖްމަންޓް ހޯދައިފި

ޗެމްޕިއަން ޓީމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ތަށި ޙަވާލުކޮށްދެއްވަނީ---

މާފުށީ ޖަލުގައި ކުރިއަށް ދިޔަ ” މާފުށީ ޕްރިޒަން ވޮލީ ބޯލް ޓޯނަމަންޓް 2016″ ގެ ޗެމްޕިއަންކަން ޕްރިޒަނަރ މެނޭޖްމަންޓް ޓީމު ހޯދައިފިއެވެ.

ރޭ މާފުށީ ޖަލުގެ ވޮލީ ކޯޓްގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލްމެޗްގައި ވާދަކުރީ މާލޭ ޕްރިޒަން އެންޑް އެޗްޑީސީ އާއި ޕްރިޒަނަރ މެނޭޖްމަންޓް އެވެ. މިމެޗް ޕްރިޒަނަރ މެނޭޖްމަންޓް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ރޭގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަނަރ މެނޭޖްމަންޓްގެ މުޙައްމަދު ޝަރީފް އެވެ. އޭނާ ވަނީ ރޭގެ މެޗްގައި މޮޅުކުޅުމެއްދައްކާ ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެދީފައެވެ.

ރޭގެ މެޗްގައި ދެޓީމުގެ ސަޕޯރޓަރުންގެ ސަޕޯރޓުންވަނީ މުޅި ތަން ގުގުމާލާފައެވެ.

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙްމަދު އެވެ. އަދި މި މެޗްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.