މާފުށީ ޖަލުގައި ޒަމާނީ ކްލާސްރޫމްތަކެއް ހުޅުވައިފި

ހޯމް މިނިސްޓަރ މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި ގައިދީންނަށް ކިޔަވައިދޭ ކްލާސްރޫމް ހުޅުއްވައިދެއްވަނީ---

ގައިދީންނަށް ކިޔަވަދީ އުނގަންނައި ދިނުމަށް ބޭނުންވާ ކްލާސްރޫމް އިތުރުކޮށް އެމީހުންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި މާފުށީ ޖަލުގައި އިތުރު ހަތަރު ކްލާސްރޫމް ހުޅުވައިފިއެވެ.

މި ކްލާސް ރޫމްތައް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙްމަދު އިއްޔެ މާފުށިޖަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި ކްލާސްރޫމް ތަކަކީ އޭސީ ކުރެވިފައި، ސްމާޓް ބޯޑާއި މަލްޓިމީޑިއާ ޕްރޮޖެކްޓަރ ފަދަ ކިޔަވައިދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ގާއިމު ކޮށްފައިވާ ތަންތަނެވެ. މި ތަކެއްޗަކީ ބައެއް ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ.

މާފުށީ ޖަލުގައި ކްލާސް ޜޫމް ހުޅުވައިދެއްވުމަށްފަހު، މިނިސްޓަރު ގައިދީންނާ މުހާތަބު ކުރައްވަނީ--

ކްލާސް ރޫމްތައް ހުޅުވުމަށް އިއްޔެ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭ.އެސް.ޕީ ސަލްމާން ރަޝީދު އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީޕީއޯ އަޙްމަދު ރިޟާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަލުތަކުގެ އިސްވެރިންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ގައިދީންނަކީ މުޖުތަމަޢު ގަބޫލުކުރާ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެމީހުންނަށް ކިޔަވައިދީ، އެމީހުންނަކީ ރަނގަޅު ބަޔަކަށް ހެދުމަށް ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ މިހުޅުވުނު ކްލާސްރޫމް ތަކުގެ ސަބަބުން ފަސޭހަކަމާއެކު ޤައިދީންނަށް ކިޔަވަން ތިބުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ކުރިން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުއި ލިބިގެންދާނެއެވެ.