ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ތިން ބެޗެއް މާލޭ ޖަލުގައި ފަށައިފި

ސަރޓިފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޒަން ކޯސް ކުރިއަށް ދަނީ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ކުރިއެރުވުމުގެ ގޮތުން އޮފިސަރުންނަށް އަމާޒުކޮށްގެން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ 6، 7 އަދި 8 ވަނަ ބެޗް މާލޭ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ކޯޕްރަލް ރޭންކުން ދަށުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިބުންނެވެ.

މިކޯހުގައި ޖަލުގެ މިނިމަމް އަދި މީޑިއަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީ އަދާކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް މި ކޯހުގައި ކިޔަވައިދެއްވާނެކަމަށް “އައިކޯސްޓް” އިން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުންވެސް “އައިކޯސްޓް” އިން ދަނީ އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތައް ރާވާ އަދި ހިންގަމުންނެވެ.