މާފުށީ ޖަލުގައި ޢާއިލީ ހަވީރެއް ބާއްވައިފި

މިއަދު ހަވީރު މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ ޢާއިލީ ހަވީރުގެ ތެރެއިން-- ފޮޓޯ: އެސްއެސްޖީޓީ އަޙްމަދު ނަސީމް

މާފުށީ ޖަލަށް 18 އަހަރު ފުރުމާއި އީއެސްޖީއަށް 8 އަހަރު ފުރިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން މާފުށީ ޖަލާއި އީއެސްޖީގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

މި ޢާއިލީ ހަވީރު އޮތީ މިއަދު ހަވީރު މާފުށީ ޖަލުގައެވެ.

މިއަދު ހަވީރު މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ ޢާިލީ ހަވީރުގެ ތެރެއިން-- ފޮޓޯ: އެސްއެސްޖީޓީ އަޙްމަދު ނަސީމް

ޗީފް ޕްރިޒަން އޮފިސަރ އައިޝަތު ރިއުޒާ ވިދާޅުވީ މިފަދަ ހަވީރެއް ބޭއްވެވުމުގެ މަޤްޞަދަކީ ކުޑަކުދިންނާއި، ޢާއިލާތަކަށް ހިތްފަސޭހަ މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމާއިއެކު، ޕްރިޒަންސް އޮފިސަރުންނަކީ ޢާއިލާއާއި ދުރުގައި ވަރަށްގިނަ ވަގުތު ހޭދަކުރާ ބައެއްކަމަށްވާތީ، ޢާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށެވެ.

މި ޢާއިލީ ހަވީރުގައި ތަފާތު ވައްތަރުގެ ކުޅިވަރު ސްޓޯލްތައް ތައްޔާރުކޮށްފައިވާއިރު އެ ސްޓޯލުގެ ކުޅިވަރުތަކުގައި ބައިވެރިވެ އިނާމް ހޯދުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުން ބައިވެރިވި މި ހަވީރުގައި ކުޑަކުދިން ގަޔާވާ ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ.

މިހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ވާހަކަދައްކާލުމުން ބުނީ މި ހަވީރުގެ ކުޅިވަރުތައް ވަރަށް މަޖާކަމަށެވެ. އަދި މިތަނުގައި އެހެން ކުދިންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމުން އުފާވާކަމަށެވެ.