‏ނަސްރުގެ ދުވަސް 2016 ‏

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި،  މި ވަޠަނަށް މި ފަދަ މަތިވެރި ނަޞްރެއްދެއްވައި، މިނިވަންކަންމަތީ ދެމިއޮތުމަށް މެދުވެރިކުރައްވާ މާތް ރަސްކަލާނގެ، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ނަސްރުގެ ދުވަހަކީ ފަހުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާހިނގި ދުވަސް. އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާ ދިމާވި ދުވަސް. ދިވެހިރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ، މި ލޮބުވެތި ވަޠަނަށް އަރައިގަންނަން ބަޔަކު ކުރި ވިޔާނުދާ އަމަލެއް. ކުށެއްނެތް ދިވެހި ދަރީންތަކަކާއި، ހިތްވަރުގަދަ ސިފައިންތަކެއް ޝަހީދުވެގެން ދިޔަދުވަހެއް.

ނަސްރުގެ ދުވަހަށް ކަޅިއެއް

03 ނޮވެމްބަރ 1988ގެ ފަތިހު ދިވެހިރާއްޖެއަށް ހިޔާނާތްތެރި ޚާއިނުންތަކެއް ވަނީ އަވަށްޓެރި ޝްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއް ކަމަށްވާ “ޕްލޯޓް”ގެ އެހީގައި  ރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން މަސައްކަތްކޮށްފައި. މި ނުރައްކާތެރި ހަމަލާގައި، ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން ވަނީ އަތުލައިގަނެ، ރަހީނުކޮށްފަ. އަދި މި ހަމަލާގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާއެކު ޖިހާދުކޮށްފަ. އަދި މި ޖިހާދުގައި 08 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފަ.

اللّـه سبحـانـه وتعـالىގެ ވާގިފުޅާއެކު ސިފައިންގެ ގުރްބާނީ އާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް ވަނީ ނަސްރު ލިބިފަ. މާތްވެގެންވާ އިސްލާމްދީން ހިމާޔަތްވެފަ. މި ވަޠަންގެ މިނިވަންކަން ދެމެހެއްޓިފަ. އަޅުގަނޑު މި ފުރުސަތުގައި އެފަދަ ބަޠަލުން މިގައުމަށް އުފަންވީތީ ފަޚުރުވެރިވެ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުދަންނަވާ، އެ ބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ނަސްރުގެ ދުވަހުގެ އިބްރަތް

ނަސްރުގެ ދުވަހުގެ އުދުވާނީ ހަމަލާއާއި މާޒީގައި މި ގައުމަށް ޕޯޗުގީޒުންނާއި މަލާބާރީންފަދަ އިސްތިއުމާރީ ބާރުތަކުން ދީފައިވާ ހަމަލާތަކަކީ އަޅުގަނޑުމެން އެކަންކަމުން ޢިބްރަތް ޙާޞިލް ކުރަން ޖެހޭ ހާދިސާތަކެއް. އަދި ނަސްރުގެ ދުވަހުގެ ބިރުވެރި ހާދިސާއަށްފަހު މި ގައުމުގެ ރައްކާތެރިކަމާއި ސަލާމަތާބެހޭ ކަންތައްތައް ވަނީ އިތުރަށް ހަރުދަނާ ކޮށްފަ.

ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ  ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. މާތްﷲ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ދަމަހައްޓަވައި، ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވަވައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އަބަދަށް ދަމަހައްޓަވާންދޭވެ! އާމީން.

                              އަޙްމަދު ޝިހާން

                               ކޮމިޝަނަރ އޮފް ޕްރިޒަންސް