‏ޕްރިސްކޯއިން މާފުށި ޖަލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ސްޕޮންސަރކޮށްފި‏

‏ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ޕްރިސްކޯގެ ފަރާތުން ދޭ ޗެކް މާފުށީ ޖަލުގެ ޑައިރެކްޓަރ ‏‏އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އަށް ހަވާލުކުރަނީ‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށި ޖަލުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާވާފައިވާ ހަރަކާތްތައް މިއަދު ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިން ސްޕޮންސަރކޮށްފިއެވެ.

މިއަދު ހެނދުނު އެމްސީއެސްގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ސްޕޮންސަރ ޗެކް ޙަވާލުކޮށްދެއްވީ ޕްރިސްކޯގެ ޗެއަރމަންއެވެ. ޗެކާއި ޙަވާލުވެލެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުއެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރިސްކޯގެ ބޯޑުމެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރިސްކޯ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ވެލްފެއަރގެ ކަންތައްތަކުގައި ވަރަށްބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާ ފަރާތެކެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންނަށް ހިންގާ އެކިއެކި ޙަރަކާތްތަކުގައި ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށް ދެމުންގެންދާ ފަރާތެއްވެސްމެއެވެ.

ޕްރިސްކޯއިންވަނީ މާލޭ ޖަލުގައި ކުރިއަށް ގެންދިޔަ “ޕްރިސްކޯ އެސްކޮޓް ޗެލެންޖް ކަޕް 2016” އާއި އައްސޭރި ޖަލުގައި ކުރިއަށްގެންދާ “ޕްރިސްކޯ އައްސޭރި ޕްރިޒަން ކަޕް 2016” މުބާރާތްވެސް ސްޕޮންސަރ ކޮށްދެއްވާފައެވެ.