‏ގައިދީން އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނަށް ތައްޔާރުކުރުމަށްޓަކައި އިސްލާމް ކްލާސްތައް ފަށައިފި‏

ގައިދީންނަށް ޤުރުއާން ކުލާހެއް ކުރިއަށްގެންދަނީ --- ފައިލް ފޮޓޯ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން، އެމީހުންނަށް އިސްލާމް ކްލާސްތަކެއް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ކްލާސްތަކަކީ 2017 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި ބައިވެރިވުމަށް ތައްޔާރުކުރުމުގެ މަގްސަދުގައި ހިންގާ ކްލާސްތަކެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެސް.އެސް.ސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 16 ގައިދީއަކު ވަނީ ބައިވެރިކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން ހިންގާ މި ކްލާހުގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތުގެ އުސްތާޛުންނެވެ. މި ކްލާހުގައި ޖުމްލަ 40 ގައިދީން ވަނީ ބައިވެރިވެފައެވެ.

އިސްލާމް ކްލާހުގެ އިތުރުން، މިއަހަރު ތެރޭގައި ގައިދީންނަށް އަމާޒުކޮށް ދިވެހި، އިނގިރޭސި އަދި ހިސާބު ކްލާސްތައްވެސް ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް އައިކޯސްޓްއިން މައުލޫމާތުދެއްވައެވެ.