‏ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯސް މާފުށީ ޖަލުގައި ފަށައިފި‏

‏ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯސް ‏ގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެމެޖެންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ކުރިއެރުވުމުގެ ގޮތުން، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް މެނޭޖްމަންޓް ކޯހުގެ ލެވެލް 4 މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މިކޯހަކީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހު ފުރަތަމަ ފިޔަވަހީގައި ޖުމުލަ 30 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އައިކޯސްޓްގެ މުދައްރިބުންނެވެ.

މި ކޯހުގެ މަގްސަދަކީ އީއެސްޖީ އޮފިސަރުންނަކީ ގާބިލުކަމާއެކު ހައި ސެކިއުރިޓީ ޖަލުތަކުގެ ޕެރިމީޓަރ ބަލަހައްޓާ، ގޭޓް ހައުސް އޮޕަރޭޓްކޮށް ބަލަހައްޓަން އެނގި، ހައި ސެކިއުރިޓީ ގައިދީން އެސްކޯޓް ކުރަން އެނގޭ އޮފިސަރުންތަކަކަށް ހެދުމެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި ޖަލު ބެލެހެއްޓުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަރާތުން އެދުމުން، ފަސް ނުޖެހި، ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ގައިދީންގެ އިންސާނީ ކަރާމާތް ނުގެއްލޭގޮތަށް އެ މައްސަލަ ހައްލުކުރުމަށް ކެރިގެން ކުރިމަތިލާ ކެތްތެރި އަދި ހިތްވަރުގަދަ އޮފިސަރުންތަކަކަށް ހެދުމެވެ.

މިކޯހުގައި ކިޔަވައިދޭނީ ގައިދީން ބަލަހައްޓާ ކޮންޓްރޯލްކުރާނެ ގޮތްތަކާއި، ޑިސިޝަންމޭކިންގް އާއި، ފުރިހަމައަށް މުއާމަލާތްކުރަން ދަސްކޮށްދިނުމަށާއި،  ކްރިޓިކަލް ހާލަތްތައް މެނޭޖްކުރާނެގޮތާއި އެފަދަ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އިތުރުން އަމިއްލަ ނަފްސު ދިފާއުކުރާނެ ގޮތްތަކާއި މާހައުލަށް އަންނަ ބަދަލުތަކަށް ހޭނޭނެގޮތްތަކެވެ.