އެމްސީއެސްގެ އޮފިސަރަކަށް ތޫނު އެއްޗަކުން ބިރުދައްކާ ސައިކަލް ފޭރިގަނެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރަކަށް، ސައިކަލެއްގައި އައި ދެމީހަކު ތޫނު ހަތިޔާރަކުން ބިރު ދައްކާ، އެ އޮފިސަރުގެ ގައިގައި ޖެހުމަށްފަހު ސައިކަލް ފޭރިގަނެއްޖެއެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 7:10 ހާއިރު ތާޖުއްދީން ސްކޫލް ކައިރިންނެވެ.

ފަހަކަށް އައިސް އަނެއްކާވެސް ޕްރިޒަން އޮފިސަރުންނަށް ބިރުދައްކަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައެެވެ. އެގޮތުން ވޭދުވެދިޔަ ހަފުތާގައިވެސް ވަނީ ސައިކަލެއްގައި އައި ބަޔަކު ޕްރިޒަން އޮފިސަރެއްގެ ބޮލަށް ޕޭވްމަންޓް ގަލަކުން ހަމަލާދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.

މިފަދައިން އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށް ބިރު ދައްކާ އަދި ގެއްލުން ދިނުމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ. އަދި އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް މިފަދައިން ބިރު ދައްކާ ހެދިޔަސް، އެމީހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަން ކަށަވަރެވެ.