‏ފަހާ ކޯހުގެ ލެވެލް 1 ގެ 4 ވަނަ ބެޗް މާފުށި ޖަލުގައި އިއްޔެ ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފަހާ ކޯހުގެ ލެވެލް 1 ގެ ހަތަރު ވަނަ ބެޗް އިއްޔެ މާފުށި ޖަލުގައި ފަށައިފިއެވެ. މި ކޯހަކީ ގައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ބޭނުން ހިފޭ ހުނަރު ދަސްކޮށްދީ، ރަގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ނެރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ކޯހެކެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން ފަސް ހަފްތާގެ މުއްދަތަށް ހިންގާ ކޯހެކެވެ. ޖުމްލަ 21 ގައިދީން ބައިވެރިވެފައިވާ މި ކޯހުގައި ކިޔަވައިދޭނީ ޖުމްލަ 2 މޮޑިއުލްއެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ބާލީސް، ބާލީސްއުރަ، ބެޓްޝީޓް، ރަބަރުލެއްވި ހަރުވާޅު، ސޯޓު އަދި ކުޝަން، މިންނަގާ ކަނޑާ ފަހަން ދަސްކޮށްދޭނެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް  ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ.