ޤިރާތު ކޯހުގެ ލެވެލް ދޭއް ގެ ހަތަރު ވަނަ ބެޗާއި ބޭސިކް ޤުރްޢާން ކޯސް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ތަފާތު އެކި ޕްރޮގްރާމް ތަކުގެ ތެރެއިން އެމީހުންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެމީހުންގެ އުޅުމާއި އަޚްލާޤް ރަނގަޅު ކުރުމަށް ގެންދަނީ ތަފާތު އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ދީނީ ޢިލްމާއި ޤްރުއާނުގެ ޢިލްމަށް އެމީހުން އަހުލުވެރިކޮށް ގިނަ ކޯސްތަކެއް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ގެންދަނީ ހިންގަމުންނެވެ. އެގޮތުން ޤިރާތު ކޯސް ލެވެލް 2 ގެ ހަތަރު ވަނަ ބެޗާއި ބޭސިކް ޤުރްޢާން ކޯސް މާފުށީ ޖަލުގައި އިއްޔެވަނީ ފަށާފައެވެ.

މިގޮތުން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޤިރާތު ކޯހުގެ ލެވެލް ދޭއްގެ ހަތަރު ވަނަ ބެޗްގައި ޖުމްލަ 22 ގައިދީން ބައިވެރިވެފައިވާއިރު ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްދެންދާ ބޭސިކް ޤުރްޢާން ކްލާހުގައި 35 ޤައިދީން ވަނީ ބައިވެރިވެފައެވެ.

ޤިރާތު ކޯސް ލެވެލް 2 ގައި ބައިވެރިންނަށް އަލިފް ބާގެ ހުރިހާ އަކުރުތަކުގެ މަޚްރަޖާއި ސިފަތަށް ދަސްކޮށްދިނުމާއި، އާންމު މަޚްރަޖާއި އިތުރު ތަފްސީލު، ފިލީގެ އަޑު ހަމަޔަށް ކިޔުމުގެ އިތުރުން ސޫރަތުލް ނަބާ އިން ފެށިގެން ސޫރަތުލް ނާސިއާއި ހަމައަށް ބަލައިގެން ތަޖްވީދު މަގަށް ކިޔަށް ދަސްކޮށްދިނުމާއި ސޫރަތުލް ޣާޝިޔާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް މަޚްރަޖާއެކު ހިތުދަސްކޮށްދޭނެއެވެ.

އަދި ބޭސިކް ޤުރްޢާން ކްލާހުގެ ބައިވެރިންނަށް ފިލިތަކަށް އަންގަ ހަރަކާތްކުރަން ދަސްކޮށްދިނުމާއި އަކުރު ތަކުގެ މަޚްރަޖު ދަސްކޮށްދިނުމުގެ އިތުރުން ކަލިމަތަކަށް ބަލައިގެން ކިޔަން ފަރިތަކުރަން ދަސްކޮށްދޭނެއެވެ. އަދި ބޭސިކް ޤުރްޢާން ކްލާހުން ފާސްވާ ގައިދީންނަށް ޤިރާތު ކޯސް ލެވެލް 1 އަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކްލާސްތައް ކުރިއަށް ގެންދަނީ އިންސްޓިޓިއުޓް ފޯރ ޤުރްޢާން އެންޑް ސުންނާ އާއި ގުޅިގެން އައިކޯސްޓް އިންނެވެ.