‏ދ. ވާނީގައި ހިންގުނު އުއްމީދު ޕްރޮގުރާމްގެ ފުރަތަމަ ކޭމްޕް ނިންމާލައިފި‏

ކުށުގެ ވެށިން ޒުވާނުން ދުރުހެލިކުރުމަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ދ. ވާނީގައި ހިންގި އުންމީދު ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ދ. ވާނީގައި މިއަހަރުގެ ޖޫން މަހުގެ 19 ން އޮގަސްޓް މަހުގެ 19 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ އުއްމީދު ކޭމްޕުގައި ޖުމްލަ 19 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. މި ކޭމްޕްގެ ބައިވެރިންނަށް އެކި ތަމްރީނުތަކާއި ސެޝަންތައް ނަގައިދީފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 10 އޮފިސަރުންވެސް ހިމެނޭ ޓީމަކުންނެވެ.

އުންމީދު ކޭމްޕް ނިންމުމަށްޓަކައި، ރޭ އިސްކަންދަރު ބިލްޑިންގގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ކޭމްޕްގައި ބައިވެރިވި ކުދިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިލެއްވި ކަމަށާއި އެކުދިންނާ ބައްދަލުވުމުން އެނގިގެން ދިޔައީ މުޖުތަމައުގައި ރަނގަޅު އަހުލާގު އަށަގެންފައިތިބި ކުދިންނާއި، އުއްމީދީ ކޭމްޕު ފުރިހަމަ ކުރި ކުދިންނާ އެއްވެސް ތަފާތެއް ނެތްކަމަށާއި، މި ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަކީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ މައިންބަފައިންގެ ބަސްއަހާނެ ކުދިންތަކެއްކަމަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ އަމާޒަށް ވާސިލްވަންދެން މުޖުތަމައުއާއި އެކުދިންގެ އާއިލާގެ ފަރާތުން އެކުދިންނަށް ހިތްވަރުދެއްވައި އަޅާލުމާއި އޯގާތެރިކަމާއެކު މުހާތަބުކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ މުހިންމު ޕްރޮގްރާމެއްގެ ބޭނުންޖެހިފައިތިބި ކުދިންތަކެއް ތިބިކަން ފާހަގަކުރައްވައި މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.