‏މާފުށި ޖަލުގައި ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް ފަށައިފި‏

ގައިދީންނަށް ކުރިއަށްގެންދާ ކޯހެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯސް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހަކީ ގައިދީން ރިހެބިލިޓޭޓްކޮށް، އެމީހުންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގާކޯހެކެވެ.

މި ކޯހުގައި ޖުމްލަ 22 ގައިދީން ބައިވެރިވެފައިވާއިރު، މި ކޯސް އަމާޒުކުރެވިފައިވަނީ އިލެކްޓްރީޝަންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ގައިދީންނަށެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިހާރުވެސް ޤައިދީންނަށް ތަފާތު ކޯސްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ފަހާ ކޯހުގެ އެކި ލެވެލްއާއި، ޤިރާތު ކޯސް ލެވެލް 3،2،1 ގެ އިތުރުން ހިފްސު ކްލާހާއި، އިސްލާމް ކްލާހާއި ބޭސިކް ޤުރުއާން ކުލާހާއި، ކޮމްޕިއުޓަރ ކޯސްތައް ހިންގަމުން ގެންދެއެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ގައިދީން ރިހެބިލިޓޭޓްކޮށް، ކުށުގެ ވެށިން ދުރުހެލިވެތިބޭ، ރަނގަޅު ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖްތަމައުއަށް ނެރުމަށް އެމްސީއެސް އިން ކުރަމުންގެންދާ މަސައްކަތެކެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ގައިދީން އެކަހެރިވެތިބެ، ގޯސް ހިޔާލުތައްކުރުމުގެ ބަދަލުގައި ގައިދީންގެ ވިސްނުމާއި ފިކުރަށް ރަނގަޅު ބަދަލުތަކެއް އައިސް، ގައިދީންގެ ކިބައިގައި ރަނގަޅު ހުނަރުތަކެއް އަށަގަންނާނެއެވެ.