ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ 4 ވަނަ ބެޗް އައްސޭރި ޖަލުގައި ފަށައިފި

ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ހަތަރު ވަނަ ބެޗް ގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ސެޓްފިކެޓް 1 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ 4 ވަނަ ބެޗް އައްސޭރި ޖަލުގައި މިއަދު ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ކޯޕްރަލް ރޭންކުން ދަށުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ޖުމްލަ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުދައްރިބުންނެވެ.

މިކޯހުގައި ޖަލުގެ މިނިމަމް އަދި މީޑިއަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރައްޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް މި ކޯހުގައި ކިޔަވައިދެއްވާނެކަމަށް “އައިކޯސްޓް” އިން މައުލުމާތު ދެއްވައެވެ.

މީގެއިތުރުންވެސް އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތަކެއް މިއަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން އޮފިސަރުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށްވެސް “އައިކޯސްޓް” އިން މައުލުމާތު ދެއްވައެވެ.