‏ކޮމިޝަނަރ އޮފް ޕްރިޒަންސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާ‏ ‏ވަޑައިގަންނަވައިފި‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން، ރަސްމީ ދަތުރުފުޅެއްގައި ހަތަރު ދުވަހުގެ މުއްދަތަށް މިރޭ މެލޭޝިއާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

ކޮމިޝަނަރގެ މި ދަތުރުފުޅުގައި މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތޯ ސްރީ ހާޖީ ޒުލްކިފްލި ބިން އޮމަރް އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގެ މަގްސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މެލޭޝިއާ ޕްރިޒަން ޑިޕަރޓްމަންޓްއާ ދެމެދު ގާއިމުވެފައިވާ ބަދަހި ގުޅުން އިތުރަށް ބަދަހި ކުރެއްވުމެވެ. އަދި “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް އިތުރު ފުރުޞަތު ތަނަވަސް ކުރެއްވުމަށްވެސް ކޮމިޝަނަރގެ މި ދަތުރުފުޅުގައި މަސައްކަތް ކުރައްވާނެއެވެ.

މީގެ އިތުރުން މެލޭޝިއާގެ ބައެއް ޖަލުތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޒިޔާރަތްކުރައްވާ، އެ ޖަލުތަކުގެ ކަންތައް ކުރިއަށްގެންދާގޮތް ބައްލަވާލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް ވަނީ މިދިޔަ މޭ މަހު ރާއްޖެއަށް ނުރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ.