މާފުށީ ޖަލުގެ އާއިލާ ބައްދަލުކުރާ ތަން އަންނަމަހު ބޭނުންކުރަން ފެށޭނެ

މާފުށި ޖަލުގައި ހަދަމުންގެންދާ އާއިލާ ބައްދަލުކުރާތަން އަންނަ އޮގަސްޓް މަހު މެދެއްހާ ހިސާބު ބޭނުންކުރަން ފެށޭނެކަމަށް މާފުށީ ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އޭ.އެސް.ޕީ އަބްދުﷲ އަމީން ވިދާޅުވީ މި މަސައްކަތް ނިމުމުން މާފުށީ ޖަލުގައި އާއިލާ ބައްދަލުކުރާތަން އިތުރަށް ތަނަވަސް ވާނެ ކަމަށާއި، އެކަމުގެ ފަސޭހަތައް ގައިދީންނަށާއި އާއިލާތަކުގެ އިތުރުން އޮފިސަރުންނަށްވެސް ލިބިގެންދާނެ ކަމަށެވެ.

އަދި އޭ.އެސް.ޕީ އަބްދުﷲ އަމީން އިތުރަށް ވިދާޅުވީ ކުރިން އާއިލާ ބައްދަލުކުރަން އެއްފަހަރާ ފަސް އާއިލާއަށް ފުރުޞަތު ލިބުނު ކަމުގައިވިޔަސް މިތަން ނިމުމުން އެ އަދަދު 10 އަށް އިތުރުވެގެން ދާނެކަމަށެވެ.

މި މަސައްކަތަކީ މާފުށީ ޖަލުގެ ގައިދީން ބޭނުންކޮށްގެން ކުރަމުން ގެންދާ މަސައްކަތެކެވެ.